އަދަބީ ބަސްތަކުގެ ތެރެއިން މީދާކޭ އުނބޭ ބުނެވޭ ބަހަކީ މަޖާޒު ބަހެކެވެ. މިއީ އިހުޒަމާނެކޭ އެއްގޮތަށް މިހާރުވެސް ވަރަށް އާންމުކޮށް މީހުން ބޭނުން ކޮށް އުޅޭ މަޖާޒު ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލައިލާނަމަ، މި ބަހުގާ މިބުނެވެނީ މީދާ ކައިފާވާ އުނބެއްގެ ވާހަކައެވެ. މީދަލަކީ ރުއްރުކުގެ ކުރިގަނޑުތެރޭގައިވެސް ދިރިއުޅޭ އެއްޗެކެވެ. ރުކުގެ ކުރިގަނޑު ތެރޭގައި އެސޮރު އުޅޭ އުޅުމުގައި ރުކުގައި ހުންނަ އިހާތަކުން ނުކުމެފައި ހުންނަ ގޮބޮޅި، ކިހަށް އަދި ކުރުނބާ ފަދަ އެއްޗެހި އެސޮރު ކައެވެ. މިގޮތަށް އެ އެއްޗެހީގައި ދަތް އަޅާ ކަމުން ގޮސް ނާށިގަނޑު ފޫދުއްވާލައެވެ. އެއަށްފަހު އޭގައި ހުންނަ ފެންކޮޅު ބޯލައެވެ. މިފަދައިން މީދާ ކައިފާ ހުންނަ އެއްޗެއްސަށް މީދާކޭ އުނބޭ ބުނެވެއެވެ.

މިބަހުގެ މަޖާޒީ މާނައަށް ބަލައިލާނަމަ، މި ބަސް ބުނެވެނީ ވިސްނުމެއް ނުވަތަ ބުއްދިއެއް ނެތް މީހުންގެ ބޮލަށް އިޝާރާތް ކޮށްފައެވެ. އެހެނީ އިންސާނާގެ ސިކުނޑި އަކީ އިންސާނާ ވިސްނާ ވިސްނުން އުފެދެމުން އަންނަ ތަނެވެ. އެހެން ކަމުން ވިސްނުމެެެއް ބުއްދިއެއް ނެތުމުން އެއިން ދޭހަ ކޮށްދެނީ ބޮލުގައި ނުވަތަ ބޮލު ތެރޭގައި ސިކުނޑި "ނެތް" ކަމެވެ. އެހެން ކަމުން މީދާކޭ އުނބަކީވެސް އެތެރެ ހުސް އެއްޗެކެވެ. މިފަދައިން އިންސާނާގެ ބޮލުތެރޭ ސިކުނޑި "ނެތް" ކަން ނުވަތަ ވިސްނުމެއް ބުއްދި އެއް ނެތްކަން ހާމަކޮށްދޭން، މީދާ ކޭ އުނބެކޭ ބުނެ އުޅެއެވެ. މިސާލަކަށް ބުނާނަމަ ތާކުން ތާކުން ނުޖެހޭ ކަން ކަން ކުރާ މިހާކާއި ދިމާލަކަށް ކަލޭގެ ތިހުންނަނީ މީދާކޭ އުނބެއް ދޯއޭ ބުނެވިދާނެއެވެ.