ފަތިހާ މިތާ އަދި މާކުރިން، ބަންގީގެވެސް އަމި މާކުރިން

ފަތިހަށް ފޮޅޭ ފަރި މާތަކެއް، ފަދައިން ފޮޅޭ އަދު މަންމައިން

 

ގޭދޮށް ކަހާ ސައިވެސް ހަދާ، ރޫ ފިލުވަމުން އިސްތިރި ކުރޭ

ގޭދޮށް ރިވެތި ތަރުތީބަކުން، ބައްޓަން ކުރާ މީ މަންމައިން

 

އަންނައުނު ދޮވެދީ ރީތިކޮށް، ވަސްމީރު ހުވަނދުން ހުވަނދުލާ

ތަންތަން ފޮޅާ ކުނިވެސް ކަހާ، ފެންފޮތިލަމުން ދާ މަންމައިން

 

ހެދުމަށް ފިލާވަޅު ގޭގަ ދޭ، ކައިރީގަ އިނދެގެން ހަދުވައޭ

ހެދުމުން މެޓާ ޗޮކުލެޓުވިޔަސް، ގަނެދޭން ތިބީ ހަމަ މަންމައިން

 

ދެނަމާދު ދޭތެރެ ވަގުތުގާ، "ޔާސީން" ކިޔަން އަންގާނެޔޭ

ދެނަހުރި ކަމަށް ނުހަދާފިޔާ، ގަދަ ބާރު އަޅަނީ މަންމައިން

 

ކޮންމެ ވަގުތަކު ބަންގިއަށް، މިސްކިތައް ފޮނުވާނެޔޭ

އަންހެނަކު ނަމަ ދޮޅި އަޅާ، ކައިރީ ބެހެއްޓީ މަންމައިން

 

ގޯހެއް ކުށެއް އަދި ހަޑިކަމެއް، ކުރެވިއްޖެނަމަ ދެރަވާނެޔޭ

ގޯހެއް ހެދީތީ އެކުށަކަށް، އަދަބު ދޭނީ މަންމައިން

 

ދާކަށް މަގުން ކެހިގެން މަގޭ، ނޭދޭނެޔޭ ހަމަ ގައިމުވެސް

ވާކަން ޔަގީން އެކުގާ މަށާ، ހުންނާނެ އެކުގާ މަންމައިން