ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ދެއުޅިއެއްނުވާ މީހުންނޭ ބުނެ އުޅޭ ބަހަކީ މަޖާޒު ބަހެކެވެ. އިންސާނާގެ ބައެއް އަމަލުތައް ހުންނަ ގޮތުގެ މައްޗަށް ނިސްބަތްކޮށް މިހެން ބުނެ އުޅެއެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލައިލާއިރު މި ބަހުގައި މި ބުނެވެނީ ދެ އުޅި އެއްނުވާ ވާހަކައެވެ. އުޅި އަކީ ވާ ނުވަތަ ބަރަނީގެ ފަށްތަކަކުން އެނބުރިފައި ހުންނަ އެއް ފަށަކަށް ކިޔާ ނަމެކެވެ. އުޅިއަކީ ވާ އެޅުމުގައި ބޭނުން ކުރާ އެއްޗެކެވެ. ވާ އެޅުމުގައި މި އުޅިތައް އެއްކޮށް އަނބުރާ ހަރުކުރެއެވެ. އެފަދައިން ދެ އުޅި އެއްނުވާނަމަ އެ ވަލެއް އޮންނާނީ ހާވިޔާކޮށެވެ. އެ ވަލުގައި އެކަތަކަމެއް އެމުނި އެކުލެވުމެއް ހަރުދަނާކަމެއް ނުހުންނާނެއެވެ.

މިބަހުގެ ހަގީގީ މާނައިގައި މި ބަސް ބޭނުން ކުރެވެނީ އެއްވެސް ތާކުން ތާކުން ނުޖެހޭ ކަންކަން ކުރާ މީހުންނަށެވެ. ނުވަތަ އަމަލުތަކުގައި އެއްވެސަ ހަރުދަނާކަމެއް ނުހުންނަ މީހުންނަށެވެ. މަސައްކަތްތަކުގައި ފަރުވާކުޑަ ކަންފަސޭހަ މީހުންނަށެވެ. އެފަދަ މީހުންގެ އެ މަސައްކަތްތަކުގައި ނުވަތަ ކުރާ ކަމެއްގައި މި ދެންނެވި ފަދައިން އަމަލުކުރާނަމަ އެމީހަކަށް ތިޔައީ ދެއުޅިއެއްނުވާ މީހެކޭ ބުނެ އުޅެއެވެ. އަދުގެ މުޖުތަމައުގައި މިފަދަ ދެއުޅިއެއްނުވާ މީހުން ކިތަންމެހާވެސް ގިނައެވެ. ނަވެސް ޒަމާނާއެކު މިފަދަ މަޖާޒު ބަސްބަސް އެފަދަ މީހުންނާ ދިމާލަށް ނިސްބަތްކުރެވޭލެއް ވަރަށްވެސް މަދެވެ.