ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ސޮހޮލުމަންޑި އަކީ މަޖާޒު ބަހެކެވެ. ނަމުގެ ގޮތުންވެސް މި ބަހުގައި މަޖާޒު ލަފުޒެއްގެ ސިފަ އެކުލެވިގެންވެއެވެ. އަދިގެ މިޒަމާނުގައި މިފަދަ ސޮހޮލުމަންޑިން ކިތަންމެހާވެސް ގިނައެވެ. އުނިވަނީ ބަސް ބޭނުން ކުރުމުގެ އާދައެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލައިލާއިރު، ސޮހޮލޭ ބުނެވެނީ ތާކުންތާކުން ނުޖެހޭ ނުވަތަ ދޯދިޔާގެ މާނައިގައެވެ. މަންޑި އަކީ ފޯއްޔެއް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެކެވެ. އެ ފޯއްޔަށް މަންޑި ނިސްބަތް ކުރެއެވެ.

މި ބަހުގެ މަޖާޒީ މާނަައަކީ، އެއްވެސް ކަމެއް ކުރަން ނުދަންނަ މީހާ އެވެ. އުޅުމުގައި އަތުންފައި މަސައްކަތެއް ކުރަން ނޭނގޭ މީހާއަށެވެ. ކަމެއް ކުރަން އުޅުނު ނަމަވެސް އެކަން ކުރަން ނޭނގުމުގެ ސަބަބުން އެކަން ހުއްޓާލަންޖެހޭ މީހާއަށެވެ. ކަންކަމާއި ހަވާލުވާއިރު އެކަންކަން ކުރަން ނޭނގޭ މީހާއެވެ. 

މިފަދަ މީހުންނާއި ދިމާލަށް މަޖާޒީ ގޮތެއްގައި ސޮހޮލުމަންޑިންނޭ ކިޔައެވެ. އަދުގެ މި ޒަމާނުގައިވެސް މިފަދަ މީހުންނާއި ދިމާލަށް ހަގީގަތުގައި މި ބަސް ރައްދުކުރެވޭނެއެވެ. ނަމަވެސް ޒަމާނާއެކު މިފަދަ ބަސްތައް ދިވެހިންގެ ދޫތަކުންނާއި ހިތްތަކުން މި ދަނީ ފޮހެވެމުންނެވެ.