ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ބަނޑުކެނޑުމޭ ބުނެވޭ ބަހަކީ މަޖާޒު ބަހެކެވެ. މިއީ އަބަދުވެސް އަހަރެމެންގެ ތެރޭގައި ކޮންމެވެސް ބަޔަކަށް ނުވަތަ މީހަކަށް ނިސްބަތްކޮށް ބުނެވިދާނޭ ބަހެކެވެ. ނަމަވެސް ހިތާމައަކީ މިފަދަ މަޖާޒީ ބަސްތައް މިއަދު އަހަރެމެންގެ ދޫތަކާއި ހިތްތަކާއި، ގަލަންތަކުގެ ދެލިން ފޮހެވިގެން ދާކަމެވެ.

ބަނޑުކެނޑުމޭ ބުނާ ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު މި ބަހުގައި މި ބުނަނީ، ބަނޑު ކަނޑާ ވާހަކައެވެ. ދިރޭ އެއްވެސް އެއްޗެއްގެ ބަނޑުގެ އެތެރޭގައިވާ އެއްޗަކީ ބޭރަށް ފެންނާނޭ އެއްޗެއް ނޫނެވެ. އެހެން ކަމުން އެ އެއްޗެއްގެ ބަނޑުގައި ވާ އެއްޗެއް ނަގާ ބޭނުން ކުރަން ނުވަތަ ބޭނުންވެގެން އުޅޭނަމަ، އެ އެއްޗެއް ހޯދުމަށްޓަކައި ޖެހޭނީ އެ އެއްޗެއްގެ ބަނޑު ފަޅާލަން ނުވަތަ ކަނޑާލަން ޖެހެއެވެ.

މި ބަހުގެ މަޖާޒީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ކަމެއްގެ އެދުންވެރިކަން ބޮޑުވެގެން ގޮސް، ހަމަ އާއި އުސޫލުން ބޭރުވާ ބޭރުވުމަށެވެ. ކަމެއް ހާސިލު ކުރުމަށްޓަކައި އެކަންކަމުގައި އޮންނަ އުސޫލުތައް ފުނޑާލާ ކަންކަން ކުރާ ކުރުމެވެ. 

މި ބަސް ބޭނުން ކުރެވޭ މިސާލުތައް ވަރަށްވެސް ގިނައެވެ. މިސާލަކަށް މީހަކު އިންތިހާބެއް ކާމިޔާބު ކުރުމަށްޓަކައި، އިންތިހާބު ކޮމިޓީ އަށް ނުފޫޒު ފޯރުވާ، ވޯޓުލާ ރައްޔިތުންނަށް ދަރަނިވެރިވެގެންވެސް ފައިސާ ބަހާ، ވޯޓުގަނެ ހަދާ އުޅޭ އުޅުމަށް، ބަނޑުކަނޑަނީއޭ ބުނެވިދާނެއެވެ.