ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ހިކިފަސްތާ ބަކަނާށޭ ބުނެ އުޅޭ ބަހަކީ ހަރުބަހެކެވެ. މިއީ އޭގެ މާއާއި މެދު ވިސްނުމުން، ނަސޭހަތުގެ މޭރުމުން މިއަދުވެސް ވަރަށްގިނައިން ބޭނުން ކުރެވިދާނޭ ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ، ހިކިފަސް ތަނެއްގައި ބަކަނާށޭ އެވެ. ބަކަ އެޅުމަކީ ނުވަތަ ބަކަތެޅުމަކީ ފެންގަނޑެއްގައި އެކަނި ކުރެވޭ ކަމެކެވެ. ބަކަ އަކީ ފެންގަނޑެއްގައި އަތުން ތަޅައިގަތުމުން ފެންގަނޑަށް އެ ވަމުންދާ ގޮތަށް ކިޔާ ނަމެކެވެ. އެހެންކަމުން މި ބަހުގެ ބަހަވީ އިބާރާތުން މި ބުނެދެނީ ހިކިފަސްތަނެއްގައި ބަކަ ނޭޅުމަށް ދޭ ނަސޭހަތެވެ. އެއީ ހިކިފަސް ތަނެއްގައި އަތުން ތަޅައިގަތަސް ބަކަ އެއް ނޫފެދޭނެއެވެ.

މި ބަހުގެ ހަގީގީ މާނައަކީ ތާކުންތާކުނުޖެހޭ ކަންތައް ނުކުރުމަށް ބުނެ އުޅޭ ބަހެކެވެ. އެހެނީ ކުރާ ކަމަކުން، ކުރަން އުޅޭ ކަމެއްގެ ނަތީޖާ ނުނިކުންނަ ފަދަ ކަމެއް ކުރުން ނުވަތަ ނަތީޖާއެއް އެއްގޮތަކަށްވެސް ނުފެންނަ ކަމެއް ތަކުރާރުކޮށް ކުރާނަމަ، އެފަދަ މީހަކާއި ދިމާލަށް، ހިކިފަސްތާ ބަކަނާށޭ ބުނެއުޅެއެވެ.