ވަޅުލާ އެ ކުޑަ ކުޑަ އޮށްތަކުން، ކުޑަ ކުޑަ ގަހެއްގެ ނިރާލުމާ

   ފަޅުކަން ފިލާ ދިރުމެއް ލިބޭ، ހުސް ބިންތަކަށް އެކި ގޮތްގޮތުން

 

އަރައޭ މަލަސް ހަމަ ކޯދުލާ، ބިންގަޑު ފަޅާފާ މޫ ލަމުން

   އަރަތެެއް ކަމަށް ވެސް ފުދިދެޔޭ، ޤުދުރަތުގެ ފަރި މި ނިޒާމަކުން

 

ތިން އަފި ޖަހާ ގިނަ ކުރި ޖަހާ، ފެހި ގަދަ ފަތުން ގަސް ބޯވަމުން

   ތިން މަސްނުވޭ އެގަހުގެ ހިޔާ، ބިމުގާ ދަނީ ހަމަ ފެތުރެމުން

 

ހިޔަލުގެ ދަށަށް ގިނަވޭ ދިރުން، ގަސް ބޮޑުވުމުން އިންސާނުނާ

   ހިޔަލެއް ލިބުން މީ ފިނިކަމެއް، ނަސްފުސާއި ގުރަހަށް ލިބިދެމުން

 

ފޯދެން ފެށީމާ އެގަހުގާ، ފޮޅިދާ މަލާ އެކު އަންނަ ފޮނި

   ހޯދެން ފެށީ މޭވާތަކޭ، އަނގަޔަށް އެދޭ ފޮނި ރަހަތަކުން

 

މީ ކަންކަމޭ ގުޅިގެން ކިޔޭ، ހަމަ އެންމެ އޮށަކާ އެކު ކިޔޭ

   މީ ކަންކަމޭ އިބުރަތް ލިބުން، އިންސާނުނަށް ހުރި އުޅުމަކުން