ދިވެހި އަދަބީބަސްތަކުގެ ތެރެއިން އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ބައެއް ހާލަތްތަކުގައި އޭގެ އަސަރާއި ޖަޒުބާތު ގަދަ ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު މި ބަހުގައި މި ބުނެވެނީ އަލަގަހެއްގެ ވާހަކައެވެ. އަލަގަހަކީ ނިރު ޖަހައިގެން އާލާވެ ގިނަވާ ގަހެކެވެ. ދެން ބުނެވޭ ކެޔޮގަހަކީވެސް އެގަހުގައި ނިރުޖަހާ، އެ ނިރުން ކެޔޮގަސް ފަޅާ އާލާވެ ގިނަވާ ގަހެކެވެ. މި ބަހުގައި މި ބުނަނީ އަލަ ގަހަގެއްގެ މުލަކުން، ކެޔޮ ނިރެއް ނުކުތުން އެއީ ނުވާނޭ ކަމެއް ކަމެވެ. އަލަ ގަހަކުން ޖަހާނީ ހަމަ އަލަ ނިރެވެ. އިހުގައި އަލައަށްވުރެ ކޭލަކީ މޮޅު އެއްޗެކެވެ. އަގުބޮޑު، މީރު އެއްޗެކެވެ.

މިބަހުގެ މުސްކުޅި މާނަ ރައްދު ކުރެވެނީ ނުބައި އެއްޗަކުން ރަނގަޅު އެއްޗެއް ނުއުފެދޭނެއޭ ބުނާ މާނައަށެވެ. ނުބައި ކަމެއްގެ ތެރެއިން ރަނގަޅުކަމެއް ނުކުރެވޭނެ ވާހަކައެވެ. ނުބައި މީހުންގެ ތެރޭގައި ރަނގަޅު މީހަކު ނުހުންނާނެ ވާހަކަ ބުނުމަށެވެ. ނުބައި މީހެއްގެ ދަރިންވެސް ނުބައިވާނެއޭ ބުނުމުގެ ގޮތުންވެސް މި ބަސް ރައްދުކޮށް އުޅެއެވެ. މި ހާލަތަކީ ބައެއްފަހަރު، މި ބަހުގެ އަސަރާއި ޖަޒުބާތު އިތުރުވެގެންދާ ހާލަތެކެވެ.