ލޮލަށް ފެނިދާ މިއީ ކުޑަކުޑަ، ބަލާލަންވެސް އެހާ ކުޑަކުޑަ

   ލޮލަށް ފެނުމުން ހިތައް ސިފަވޭ، އިލާހުގެ ވަންތަކަން ކުޅަދުން

 

ބިމުން ކޮނެގެން ބޮޑެތި ހަރުތައް، ބޮޑެތި ބައިގަނޑު ހަދާ އުޅެއޭ

  އިމުން އޭގައި ހިފާއްޓައިގެން، ސަފުން އެކުގާ އެކީ އުޅެމުން

 

ކެއިން ބުއިމާ އެ ނޫންކަން، ކުރީވެސް އެކުއެކީ ގުޅިގެން

   އެއިން އެއްޗެއް ވަކިން ރުޅިވެން، ނުދޭ ތޮޅިފާ ދުރަށް ސަފަކުން

 

އެދޭ އަތްވާ އެވާ ފިންޏާ، ތިބޭ ސާބިތު ކަމާ އެކުގާ

   ތެދޭ އެކުގާ އެހެން ތިބުމުން، ލިބޭ މޮޅުކަން ކުރާ ކަމަކުން

 

ބުނޭ އެޔަކީ މިސާލެކެވާ، އެވާ ފިންޏާ އެދޭ ގިންޏާ

   އުޅޭ އުޅުމުން ހިނީގެ އުޅުން، ފުދޭ އުޅުމެއް ލިބުން އިބުރަތް