މަށާ ތިޔަހެން ކުޅެން ނޫޅޭ، މަގޭ މިވަނީ ވަފާ ލޯތްބޭ

   ވަށާ މިޖެހޭ އެ ތަޢުލީމާ، މަތީ ޑިގުރީ މަ ހޯދާނަން

 

ތިގޭ ދޮށުގާ ހެދޭ ފެންގަނޑު، މަގޭ ހިއްކާލަ ވެސް ދޭނަން

  އިނގޭ ޕަންޕެއް އަތުގަ ނެތަކަސް، ބޮމުން ނަމަވެސް މަ ހިއްކާނަން

 

ބަލަން ގޭގާ ކަސޯޓީއާ، ދިވެހި ލަވައާ ޑްރާމާއާ

   ބަލަން ޓީވީ އަޅާ ކޭބަލް ، މަގުން ކޯރެއް މަ ކޮނެދޭނަން

 

ޖެހޭ މައްސަލަ ދަމާނަރުގާ، ފްލެޝް ނުވެގެން އުޅެން ވަންޏާ

   ޖެހޭ ހުރިހާ ކަމެއް ގައިމޭ، މަގޭ ހައްލުމެ އެ ކޮށްދޭނަން

 

ކަހާ ކުންޏާ ފޮޅާ ހިރަފުސް، ޖަހާ މޮއްޕާ ކިލާ ފޮހުމާ

   ކަހާ ނިމުމުން ތިގޭ ކުންޏާ، މިގޭ ކުނިވެސް އުކައި ދޭނަން

 

ކޮށާ ފިޔައާ ހިކަނދި ރާނބާ، މަހާ އިނގުރާ އަލުވި ރިހައަށް

   ކޮށާ ނިމުމުން އެ އެއްކޮށްގެން، އެއިން ރިހަވެސް މަ ކައްކާނަން

 

ކިލާ ކޮށްފާ އުކާ ހެދުމާ، އަޅާ ތަންމަތި ތުވާލިތަކާ

   ކިލާ ވީމާ ގެނެސް މެޝިނަށް، އަޅާ ދޮވެދީ މަ ހިއްކާނަން

 

ނަމުން ފިރިހެން މަގޭ ވިޔަކަސް، ގެވެށި ކަންކަން މަގޭ ދަނެޔޭ

   ނަމުން ރަނޑަކަށް މަގޭ ހެދިޔަސް، ނިކަން ކެރިގެން މަ ހުންނާނަން

 

މިނޫން ގޮަތަކަށް އުޅެން ވިއްޔާ، ޒަމާނެއްގާ ނެތޭ ލިބުމެއް

    ޒަމާނާ އެކު އުޅޭ އަންހެން، ވެރިން ކަންނެތް ވެފާ ވީމާ