ދިވެހި އަދަބީބަސްތަކުގެ ތެރެއިން ބައެއް މަޖާޒު ބަސްތަކަކީ އޭގެ ޠަބީއަތުން ވަރަށްވެސް މަޖާޒު ބަސްތަކެކެވެ. އެގޮތުން ހަނުއެނބުރުމޭ ބުނެވޭ މަޖާޒު ބަހަކީވެސް އެފަދަ ބަހެކެވެ.
ހަނަކީ އެއްޗެހި ތޫނުކުރުމަށްޓަކައި ހިލަ ބުރެއް އަޅުވާފާ އޭގެ ދެކޮޅު ހަރުކޮށް، ވާފަށެއް ޖަގާ ދެމުމުން އެއްފަހަރު އެއް އަތަށް އަނެއް ފަހަރު އަނެއް އަތަށް އެނބުރޭ ގޮތަށް ހަދާފާ ހުންނަ އެއްޗެކެވެ. ހަނުއެނބުރުމުން އެ ހަނު އެނބުރޭނީ އެއްފަހަރު އެއްކޮޅަށް އަނެއްފަހަރު އަނެއްކޮޅަށެވެ.
ހަނުއެނބުރުމޭ ބުނެވޭ ބަހުގެ މަޖާޒީ މާނައަކީ މީހެއްގެ ގައިގާ ޖެހީމާ ނުވަތަ ތަޅައިގަތީމާ ނުވަތަ އެނޫންވެސް ކަމަކާއި ހުރެ ތަދުވެގެން އެ މީހަކު ބިންމައްޗަށް ވެއްޓި ބިންމަތީގާ އެނބުރޭ އެނބުރުމަށެވެ. ހަގީގަތުގައި އެމީހަކަށް އެ ވާ ދަތަށްވުރެ މާ ބޮޑަށް އެމީހަކު އަމަލުން އެކަން ދައްކާނެއެވެ. ކަން ދެއްކުމުގެ ގޮތުންނެވެ. އެހެން އެނބުރޭމީހާ އެއްފަހަރު އެއް އަތަށް އަނެއްފަހަރު އަނެއް އަތަށް އެނބުރޭނެއެވެ. މިހާލަތުގައި ހަނުއަނބުރަނީއޭ ބުނެއުޅެއެވެ.
މިފަދަ މަންޒަރުތައް އާންމުކޮށް ފެންނާނީ އެކި ކަހަލަ ކުޅިވަރުތަކުންނެވެ. ހާއްސަކޮށް ފުޓުބޯޅަ ކުޅުންތެރިން މިފަދައިން ހަނުއަނބުރާ އުޅެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން