ދިވެހި އަދަބީބަސްތަކުގެ ތެެރެއިން ހަފޮޅުން އެތެރެވެއްޖެއްޔާ ބައެއް އޮންނާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މިއަދު އަހަރެމެންގެ ގިނަ ބައެއްގެ ހާލޭ ދެންނެވިދާނެއެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ދޯންޏެއްގެ ހަފޮޅުން އެތެރެވާ ވާހަކައެވެ. މާނަ އަކީ ދޯނީގެ ތެރޭގައި ހުރެވުމެވެ. މިގޮތަށް ހުރެވިއްޖެ ނަމަ، އެ ދޯނި ބާނާ މަހުން އެމީހަކަށްވާ ބައި ލިބޭނޭ ވާހަކައެވެ. އެއީ އެމީހަކު މަސްވެރިކަމުގެ މަސައްކަތެއްގައި އުޅުނަސް އަދި ނޫޅުނަސްވެސް މެއެވެ.

މި ބަހުގެ މުސްކުޅި މާނަ އަކީ ކަމެއް ކުރުމުގައި އުޅޭ ބަޔަކާއި އެކު އުޅޭ، އެހެނަސް އެކަމުގައި ބައިވެރި ނުވާ މީހެއް ނަމަވެސް، އެ ކުރާ ކަމަކުން އެ މީހަކަށް ފައިދާވުމެވެ. މި ބަސް ނައްސި މާނައިގައިވެސް ބޭނުން ކުރެވެއެވެ. އެއީ ކުށެއް ކުރާ ބަޔަކާއި އެކު އުޅުނު ކަމުގައި ވަނީނަމަ، އަދި އެ ކުށް ކުރުމުގައި ސީދާ އަމަލީގޮތުން ބައިވެރި ނުވިނަމަވެސް، އެތަނުގައި އެމީހުންނާއި އެކު ވީތީ އެކުށުގައި އެމީހަކުވެސް ބެދޭނޭ ބުނާ މާނައެވެ.