ދިވެހި އަދަބީބަސްތަކުގެ ތެރެއިން ހިނިވެސް ފަރުބަދަ ކަނޑައޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ އާންމުގޮތެއްގައި ހިތްވަރު ދިނުމަށް ބުނެ އުޅޭ ބަހެކެވެ. މިފަދަ ބަސްތަކުން އަދުގެ ޒުވާން ޖީލު ހިތްވަރު ލިބިގަންނަން އެބަ ޖެހެއެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު މި ބަހުގައި މި ބުނަނީ ހިނީގެ ވާހަކައެވެ. ކުޑަކުޑަ ނިކަމެތި ސުއިއްޕެއްގެ ވާހަކައެވެ. ސޮރުގެ ދަތްތަކުން ހިލަ ފަރުބަދަވެސް ކަނޑާ އުޅޭ ވާހަކައެވެ. ނުވަތަ އެ ފަރުބަދަ ތަކުގައިވެސް ހޮރު ހަދައިގެން ދިރިއުޅޭ ވާހަކައެވެ.

މި ބަހުގެ މުސްކުޅި މާނައަކީ ކިތައްމެ އުނދަގޫ ކަމެއް ނަމަވެސް އެކަމަކާއި ކެރިގެން ކުރިމަތިކާ ހިތްވަރުކޮށްފިނަމަ އެކަމެއް ކާމިޔާބުވާނޭ ބުނާ މާނަައެވެ. އެހެނީ ހިނީގެ ނިކަމެތިކަމާއި އޭގެ ކުޑަކަން ދެކި ބަލާށެވެ. ދެން އެ އޮތް ފަރުބަދައިގެ ވާހަކަ ނިކަން ދެކިބަލާށެވެ. ފަރުބަދަ އަކީ ހަރު އެއްޗެކެވެ. އެއީ ހިލަ އެވެ. ނަމަވެސް އެ ކުޑަކުޑަ ސޫފި އެސޮރުގެ ދަތްތަކުން އެ ހަރު، ހިލަ ފަރުބަދަވެސް ކަނޑައިގެން އުޅެއެވެ. މިއީ ކިހާ ބުރަ އަދި ކިހާ ހިތްވަރެއް ލައިގެން ކުރެވޭނެ މަސައްކަތެއްތޯ ވިސްނާލާށެވެ. 

އެހެންކަމުން ކިތައްމެ އުނދަގޫ ކަމެއް ނަމަވެސް، އެކަމެއް ހާސިލް ކުރުމަށް ނުވަތަ ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްފި ނަމަ އެކަމެއް ވާނޭކަން ސާބިތުކޮށްދީ ހިތްވަރު ދިނުމުގެ ދޮތުން، ހިނިވެސް ފަރުބަދަ ކަނޑައޭ ބުނެ އުޅެއެވެ.