ދިވެހި އަދަބީބަސްތަކުގެ ތެރެއިން ނުބީހެންޏާ ކަނޑާ ހަމައޭ ނުބެ އުޅޭ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ އޭގައި މުސްކުޅި ދެ މާނަ އެކުލެވޭ ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ދޯންޏެއްގެ ވާހަކައެވެ. އެ ދޯނި އެއްވެސް ތަނަކު ނުބީހެއްޏާ، އެ ދޯނި އެ އޮތީކަނޑުގައި އޮންނަ އިރު އޮންނާނޭ ގޮތަށް ކަމަށް މި ބަހުގައި ބުނެއެވެ. އެއީ ފަޅެއްގައި އޮތަށް ތޮށި މައްޗެއްގައި އޮތަސް ނުބީހޭ ކަމުގައި ވަނީނަމަ، އެ ދޯނި ކަނޑުގައި އޮތެކޭ، އޮޑިއަށް ވާނީ ހަމަ އެއްވަރެއްކަން ހާމަ ކޮށްދިނުމަށެވެ.

މި ބަހުގެ މުސްކުޅި މާގައިގެ ފުރަތަމަ މާނައިގައި ބުނަނީ ކަމެއް ވުން ކިތަންމެ ގާތްވެފައި، އެކަމެއް ނުވެ ދިޔުމުން، އެކަމާ މެދު ފަރުވާލެއް ނެތްކަން ހާމަކޮށްދޭ މާނައެވެ. މިސާލަކަށް ފަތަން ނޭނގޭ މީހަކު މޫދަށް އެރި ގެނބިގެން ދިޔަނަމަވެސް މަރު ނުވެ ސަލާމަތްވެގެން ދިޔުމުން އެފަދަ ހާލަތްތަކުގައިވެސް މި ބަސް ބޭނުންކުރެވެއެވެ. ދެވަނަ މާނައަކީ ސިއްރުގައި ކުރާ ކަންކަން ފާޅު ނުވާހާ ހިނދަހު އެކަމެއް ނުކުރާ ފަދައޭ ބުނަން ބުނެ އުޅޭ މާނައެވެ. މިބަހުގެ މިސާލަކަށް ބަލާލާނަމަ، ވައްކަމެއް ކޮށްގެން އުޅޭ މީހަކު، އެ ވައްކަން ކުރިކަން އެހެން މީހުންނަށް ނޭނގި ހޭދަވާ ވަގުތު ތަކުގައި، އެހެން މީހަކަން އެކަން ނޭނގޭ ނޭނގުމުގެ މައްޗަށް، ނުބީހެންޏާ ކަނޑާ ހަމައޭ ބުނެ އުޅެއެވެ.