ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ރަށުމީދާ ރަށަށް ގަދަވާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ މިއަދުވެސް ގިނަ ހާލަތްތަކުގާ ބުނެވޭ އެހެނަސް ހަނދާނުގައި ނުހުރުމުގެ ސަބަބުން ދުލުން ބޭރުނުވެ އޮންނަ ރީތި ބަހެކެވެ.

މި ބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހަގައި މި ބުނެވެނީ ރަށެއްގައި އުޅޭ މީދަލެއްގެ ވާހަކައެވެ. އެމީދާ ރަށަށް އެ ރަށަކަށް ގަދަވާނޭ ބުނެދޭށެވެ. އެހެނީ އެހެން ރަށެއްގެ މީދަލަކަށް އެރަށުގައި މީހުން ކާ އެއްޗެހި ފޮރުވާ ރަށްކާ ކޮށްގެން ގެންގުޅޭ ތަންތަނެއް ނޭނގޭނެއެވެ. އަދި ހާލި ހަދާނޭ މޮޅެތި ތަންތަނެއްވެސް ނޭނގޭނެއެވެ.

މިބަހުގެ މުސްކުޅި މާނަ ރައްދު ކުރެވެނީ އެރަށެއްގެ އަހުލުވެރިންނީ އެ ރަށެއްގައި ބަސްވިކޭ އަދި އެރަށަކަށް ފަރިތަ ބައެއްކަން ބުނެދިނުމަށެވެ. އަދި ވަކި ޖަމާއަތްތަކުގައިވެސް އެ ޖަމާއަތެއްގެ ކަންކަމަށް ފަރިތަވެފާ ފައްކާވާނީ އެ ޖަމާއަތެއްގައި އުޅޭ މީހެއްކަން ބުނެދިނުމަށްވެސް މި ބަސް ބޭނުން ކޮށް އުޅެއެވެ.

މިސާލަކަށް ބުނާނަމަ، ވަކި ޖަމުއިއްޔާއެއްގެ ކަންކަން ހިނގާ ހަރުދަނާކުރާނޭ ގޮތް، އެހެން ބަޔަކު ކިޔަން ފަށައިފިނަމަ، އެ ޖަމުއިއްޔާގެ ބަޔަކު، އެ ބަޔަކާއި ދިމާލަށް، ރަށު މީދާ ރަށަށް ގަދަވާނޭ ބުނެވިދާނެއެވެ. އަނެއް ހާލަތަކީ ރަށެއްގައި ބީރައްޓެއްސަކު މާ ގަދަވެފައި ބަސްކިޔަން އުޅުމުން، އެ ކިޔާ ބަހެއްގައި ހަރުދަނާ ކަމެއް ނެތުމުން، އެ މީހަކާއި ދިމާލަށްވެސް ރަށުމީދާ ރަށަށް ގަދަ ވާނޭ ބުނެވިދާނެއެވެ.