ރިހޭ ރިހުމުން މަގޭ ބަނޑުގާ، ހިނގަން އުނދަގޫ މަށަށް ކުރުވާ

   ރިހޭ ރިހުމަށް ކެތެއް ނުވެޔޭ، އެހެން ނަމަވެސް ކެތޭ މަކުރީ

 

ނިދަން އުނދަގޫ ކިތައްމެ ރެއެއް، ނިކަން ދިގުލާ ދެޔޭ ހޭލާ

   މިދަންވަރުގާ މިހެން އުޅުނަސް، ނުކޮށް ޝަކުވާ ކެތޭ މަކުރީ

 

އައޭ ދުޅަވެން ދެފައި އެއްކޮށް، ބަރުވެ މީހާ ބޮޑުވެ ގޮސްފާ

   އައޭ ބޮޑުވެން މަގޭ ބަނޑުވެސް، އެ ބުރަދަނުގާ ކެތޭ މަކުރީ

 

އަރުން ނުދިރޭ އެކައްޗެއްވެސް، ނުލާ ރަހައެއް އެއްޗެއްގާސް

   ވަރުން ހިތްވަރު ލަމުން ނޫނީ، ނުދިރި ހުއްޓަސް ކެތޭ މަކުރީ

 

ވިހަން ތޮޅިލާ ގޮތުން އޮއެފާ، ނިކަން ބާރަށް ރިހެން ފަށައޭ

   އިހަށް މަބެލީ ކުރަން ހިތްވަރު، ރޮމުން ނަމަވެސް ކެތޭ މަކުރީ

 

މިއީ ދަތުރެއް މަޔަކު އެކުރާ، މުސާފިރެކޭ އެއީ މަންމާ

   މިއީ ވޭނާ ތުރާ ބޮޑުކޮށް، ލިބުން ވާ ދަތުރެކޭ އެ ކުރީ

 

މިކަން އިހުސާސް ނުވެސްވަންޏާ، އަސަރު މިކަމުގެ ނުވެސް އިނގެޔޭ

   ނިކަން ލިޔުނަސް ކިޔަސް އެންމެން، މިއީ ވޭނެއް ބަޔާން ނުވެވޭ