ދިވެހި އަދަބީބަސްތަކުގެ ތެރެއިން ކަކޫގާތުގައި ބުނާ ވާހަކަވެސް ސިއްރެއް ނުވާނޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއަދު މި ބަސް ބޭނުން ކުރެވޭނޭ ކިތައްމެ ކިތައްމެ ހާލަތެއް އެބަ ފެނެއެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މިބަހުގައި މި ބުނަނީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަނެއް ކަމުގައިވާ ކަކުލުގެ ވާހަކައެވެ. އެ ކަކޫ ގާތުގައި ވާހަކައެއް ބުނާ ވާހަަކައެވެ. އަދި އެ ވާހަކަ ސިއްރު ނުވާ ވާހަކައެވެ. ހަށިގަނޑުގެ ބައެއްގެ ގާތުގައި ބުނާ ވާހަކަވެސް ސިއްރު ނުވި ވާހަކައެވެ.

މިބަހުގެ މުސްކުޅި މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނެވެނީ ކިތައްމެ ގާތް، ކިތައްމެ އިތުބާރު ކުރެވޭ މީހެއް ގާތުގައި ބުނާ ސިއްރުވެސް ސިއްރެއްގެ ގޮތުގައި ނޯންނަ ވާހަކައެވެ. އެ ސިއްރުތައްވެސް ބޭޒާރުވެގެންދާ ވާހަކައެވެ. އެފަދަ އިތުބާރެއް ކުރެވޭ މީހެއް ނުވަތަ ބައެއްގެ ގާތުގައި ބުނާ ސިއްރެއް ހާމަވެ ފާޅުވުމުން، މިފަދައިން ބުނެ އުޅެއެވެ.