ދިވެހި އަދަބީބަސްތަކުގެ ތެރެއިން، ކަތިވަޅިގެއްލި މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލުނީއޭ ބުނާ ބަހަކީ މުސްކުޅި ބަހެކެވެ. މިއީ ވަރަށް ޝާއިރީ އަދަބީ ބަހެކެވެ. އޭގެ އަސަރު ގަދަ ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މި ބަހުގައި މި ބުނަނީ އެއްޗަކާއި މީހަކާއި ތަނެއް ގެއްލޭ ވާހަކައެވެ. ކަތިވަޅި އަކީ އެމީހަކު ދަނޑު ކޮށަށް ބޭނުން ކުރި އާލާތެވެ. އެ އާލާތް ނުވަތަ ކަތިވަޅި ގެއްލުމުން، ކޮށި ދަނޑުވެސް އޭނާއަށް ގެއްލުނީއެވެ. ފަހަރުގައި ވިނަފަޅާ ބޯވެ، ގަސްހެދި، އެ ގަސްތައް ނުކޮށިގެން ކަމަށް ވެދާނެތާއެވެ. ދެން ބުނެވެނީ މަރިޔަނބު ނަމަކަށް ކިޔާ އަންހެނަކުވެސް ގެއްލޭ ވާހަކައެވެ. މިއީ އެމީހަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއެވެ. ކުރި ހުރިހާ މަސައްކަތަކާއި މަސައްކަތް ކުރަން ގެންގުޅު އެއްޗާއި ލޯބިވި މީހާ ގެއްލުނު ވާހަކައެވެ.

މި ބަހުގެ މުސްކުޅި މާނަ، ރައްދު ކުރެވެނީ ކުރި މަސައްކަތާއި މަސައްކަތްކުރި ވަޞީލަތާއި އުއްމީދު ގެއްލުމުންނެވެ. މިހާލަތަށް ތިމާ ވެއްޓުމުން އަމިއްލަ ނަފްސަށްވެސް މި ބަސް ބުނެވިދާނެއެވެ. އަދި އެހެން މީހަކަށް މިހާލު ދިމައިވުމުން، އެމީހަކަށް ރައްދުކޮށްްވެސް މި ބަސް ބުނެ އުޅެއެވެ. ސީދާ މަލާމާތަކުން ނުވަތަ އިހާނެތި ބަހަކުން ހާލަތު ބަޔާން ކޮށްދިނުމަށްވުރެ، މިފަދަ ޝާއިރީ ބަހަކުން އެފަދަ ހާލަތެއް ބަޔާންކޮށްދިނުން ކިހާ ސާދާވާނެ ނޫންތޯއެވެ.