ދިވެހި އަދަބީބަސްތަކުގެ ތެރެއިން، ކިތަންމެވަރަކަށް ދޮންކުރިޔަސް، ދުނބުރިއެއް އަނބަކަށް ނުވާނެއޭ ބުނާ ބަހަކީ އޭގައި އޮށްޓަރު ރަނގަޅު، މުސްކުޅި ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު، މިބަހުގައި މި ބުނެވެނީ ދުނބުރިއަކާއި އަނބެއްގެ ވާހަކައެވެ. ފެންނަ ފެނުމަށް ދޭތީގައިވެސް އެއްކަހަލަ ސިފަތަކެއް ހުރެއެވެ. ދޭތިވެސް ޅަކޮށް ހުންނައިރު ހުންނާނީ ފެހިކުލައިގައެވެ. ދޮންވުމުން ދުނބުރިއަށްވެސް އަދި އަނބަށްވެސް އަރާނީ އެއްކަހަލަ ދޮން ރީނދޫ ކުލައެކެވެ. ދުނބުރިއަކީ އަނބު ކާހެން ކާ އެއްޗެއް ނޫނެވެ. އެހެންކަމުން އެ ދުނބުރިއެއް ކިތައްމެ ރީއްޗަށް ދޮން ކުރިއަސް، އަނބަކަށް ބަދަލު ނުވާނެކަން މި ބަހުން ބުނެދެއެވެ.

މި ބަހުގެ މުސްކުޅި މާނައަކީ ނުބައިމީހަކު ރަނގަޅޭ ކިޔައިގެން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެއީ ރަނގަޅު މީހެއް ނޫންކަން ބުނެދިނުމުގެ މާނައެވެ. ނުވަތަ އެމީހަކު ރަނގަޅެއް ނުވާނެކަން އެންގުމުގެ ގޮތުންވެސް މި ބަސް ބުނެ އުޅެއެވެ. ގޯސް މީހަކު ރަަނގަޅު މީހަކަށް ވާނީ އެމީހެކޭ ކިޔައިގެން ދެއްކޭ ވާހަކަ ތަކަކުންނެއް ނޫނެވެ. މުޖުތަމައުގައި ކުށްތައް ކުރަމުން އުޅޭ މީހަކު އެއީ މާ ރަނގަޅު މީހެއްކަމަށް ދައްކަން ބަޔަކު ވާހަކަ ދައްކާނަމަ، އެކަމާއި ވިއްދައިގެން، ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއޭ ބުނެވިދާނެއެވެ.