ދިވެހި އަދަބީބަސްތަކުގެ ތެރެއިން ކެތްކުރީމީހާއޭ ފުޅަށްބުޑުގައި އޮވެ މަރުވީވެސް ބުނެ އުޅެނީ ކެތްނުކުރާންވެގެންނެވެ. އެއީ މުސްކުޅި ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަށް ބަލާލާއިރު މި ބަހުގައި މި ބުނެވެނީ ތަނެއްގެ ފުޅަށްބުޑުގައި އޮތް މީހެއްގެ ވާހަކައެވެ. އެމީހަކު އެތަނުގައި އޮވެމެ، އެއްމެ ފަހުން މަރުވި ވާހަކައެވެ. އެމީހަކު އެތަނެއްގެ ފުޅަށްބުޑުގައި އެ އޮތީ ބުނެވޭ ގޮތުގައި ކާ އެތިކޮޅެއްގެ ދިއްކޮށްލާނޭ މީހެއްގެ އިންތިޒާރުގައެވެ. އަޑުގަދަ ނުކޮށް ޒުވާބު ނުކޮށް އަރާރުން ނުވެ އޭނާ ކެތްކޮށްގެން އެ އޮތް ގޮތަށް އޮވެ މަރުވީއެވެ.

މިބަހުގެ މުސްކުޅި މާނައިގައި ވެސް ބުނެވެނީ ދާދި އެއް މާނައެއްގައެވެ. އެއީ ކެތްކުރާ މީހުންނަށް އަބަދު ހެޔޮ ގޮތް މެދުވެރިނުވާނޭ ކަން ހާމަކޮށްދިނުމަށެވެ. އަދި ބައެއްކަހަލަ ކަންކަމުގައި، އަޅާނުލާ ކެތްކޮށްގެން ހުރުން އެއީ ތިމާއަށް ނޫނީ ގިނަ ބަޔަކަށް އެއިން ގެއްލުންތަކެއް ލިބިދާނެ ފަދަ ކަމެއްނަމަ، އެކަން ކަމުގައު އަޅާނުލާ ކެތްކޮށްގެން ނުހުންނާން ވެގެން، ކެތްކުރިމީހާ ފުޅަށްބުޑުގައި އޮވެ މަރުވީއޭ ބުނެއެވެ. ބައެއްފަހަރު މިއީ ހިތްވަރެއް ދިނުމުގެ ގޮތުންވެސް ބުނެ އުޅޭ ބަހެކެވެ. އަދި ކުރެވުނު ކަމެއް ދިފާއު ކުރަންވެސް މި ބަސް ބޭނުންކޮށް އުޅެއެވެ.