ހޯދަން އެދޭ ތީއޭ މަގޭ، މިހިތުގެ އަރާމާ އުފަލަކީ

   ހޯދަން މަގޭ އުޅިއުޅި ހިތޭ، ފާރުވެ މިދީ އަނިޔާތަކުން

 

އެތަކެއް ލަނުކު މިހިތުގަ ލިޔޭ، އެތަކެއް ޒަހަމްތައް ލިބިފައޭ

   އެތަކެއް ފަހަރު ލޭ ހުއްޓުނޭ، ވިންދާ އެކީ ގޯނާތަކުން

 

ހުރަހާއި ދައްޗާ އުނދަގުލާ، އެތަކެއް ތުރާލާ ވޭންތަކާ

   ކުރަމޭ ގިރާ ހިތްވަރު ލަމުން، ލޯބީގަ ގެނބިފާ ވާގޮތުން

 

ލިބިފާ މިވާ އަނިޔާތަކަށް، ފަރުވާ މަގޭ ހޯދާނަމޭ

   ލިބިދިން ތަދާ އަނިޔާތަކާ، ފިލުމުން މަ ދާނަން ހީލަމުން

 

ހީވޭހެ އަހަރެން މިކަމުގާ، ފަސްދީފަ ހުރެ ގޮސްދާނެހެން

   ނީވޭނެއޭ އެއަޑެއް ހިލާ، ހުއްޓާ ފުރާނަ މި ހަށިގަނޑުން

 

ހޯދަން އަލުން އެ އުފާތަކާ، އެ އަރާމު ހޯދަން ދާނަމޭ

   ހޯދަން އެދުނު މަންޒިލް މަށަށް، ލިބުމުން މެނޫނި ނުދާނަމޭ