ތަނެކޭ މިއީ ކެހިވެރި ޔަގީން، ދުނިޔޭގެ މީ ހަމަ އާދައެއް

   ދަނެޔޭ ތިބާ މި ހަގީގަތާ، ކަންކަން މި ދުނިޔޭގައި ހިނގާ

ހަމަ އެއްކަމެއް ވެސް ހެޔޮ ނުވޭ، އެންމެންގެ ލޯތަކު ކުރިމަތީ

   ހަމައާއި ނަހަމަ އޮޅި ގެއްލިދާ، ގޮތަކީ މިއީ އަދު ކަން ހިނގާ

ހެވަޔާ ނުބައި ވަކިކޮށްދެނީ، ހެވަޔާ ނުބައި ނޭނގޭ ބައެއް

   އެވަރަށް މިތަން ޣާފިލް މިވީ، ދުނިޔޭގެ ދަޅަތަކުގާ ހިނގާ

އުންމަތް މި އިސްލާމީ ހިޔާ، ހިޔަލުން ހިޔާ ނެތި ރޫޅިފާ

   އުންމަތް ވެގެން ބައިބައި ވަނީ، މުދަލުގެ ދަޅައިގާ ހުރެ ހިނގާ

ގައުމެއްގެ ވިއްޔާ އާމްދަނީ، އެތަނުގެ ވަޒީފާއޭ ކިޔާ

   ގައުމިއްޔަތާ ދީނިއްޔަތާ، ފުހެލީއެ ދަޅަތަކުގާ ހިނގާ 

އިސްލާމުނާ މުޅި އުންމަތަށް، ގޯނާ ކުރާއިރު ދޭހުގާ

   އިސްނެގުމުގާ ފަސްޖެހި ވަނީ، ބައިބައިވެ ތިބުމުން ދޭހުގާ