މޫސުން މިތާ ބަދަލުވެ ދަނީ، ނަކަތާއި ސަނަތުން ވެސް ދަނީ

     ހޫނުން މިދޭ އިރުވައިގެ އަވި، ދުނިޔޭގެ މިބިމަށްވެސް ދެނީ

މާރީތި ހުދު ފަސްގަނޑު މަތީ، މާ ސާފު ޖައްވެއްގައި ވަނީ

     ޖާރީވެގެން މުޅި ހިތް ދަނީ، މާކަނޑު ލޮލަށް ފެނިފައި ވަނީ

ބިޔަކޮށް ހެދޭ ބޮޑު ގަސްތަކާ، މަލަ ރީތި ކުރުވާ ރުއްގަހާ

     ނިޔަނެތި ވަޔާ އެކުގާ ހެލޭ، ރުކު ފަންތަކުން ހިނިތުން ވަނީ

ހިތްގައިމު ނަލަ ތުނޑިތައް މިތާ، ދިގުކޮށް ދަމާފައި ވޮޑެވިފައި

     ހިތްގައިމު ކުދި ކުދި ދޫނިތައް، ނަލަ ރާގުލާ ގޮވަމުން ދަނީ

ކިރުފެންގަނޑެއް ފަދަ މޫދުގާ، އަލިކަން ވަނީ ބިއްލޫރިހެން

     ހިރުވާލިޔަސް އަދި މާދުރުން، މަންޒަރު މިދޭހަށް ފެންނަނީ

ގުދުރަތުގެ މާހައުލުން މިތާ، ކަނޑު ފަޅުތަކާ ގިރި ހާތަކުން

     ހުދުރިހި އެވާ ނެތަކަސް މިތާ، އަގު އުފުލިފާ މި ވަނަޠަން ވަނީ