އިށީންނާނެ ގަލެއް ނުބަލާ އުދުއްސައި ނުގަންނާށެވެ. މިއީ ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން ހަރުބަހެކެވެ. މި ބަހަކީ އޭގެ މާނަ ވަރަށްވެސް ފުރިހަމަ ބަހެކެވެ.

މިބަހުގެ ބަހަވީ މާނައަކީ ތަނެއްގައި އިން ދޫންޏެއް، އެސޮރު އިށީންނާނެ އިތުރުގަލެއް ނުހޯދާ، އެހެން ދިމާލަކަށް ދާން އުދުއްސައި ނުގަންނާށެވެއެވެ. އެހެނީ މިއީ ބޮޑެތި ފަރުތަކުގައި ދިރިއުޅޭ ދޫނިތައް، އެސޮރުމެން އިށީނދެ ތިބޭ ގަލުން އުދުއްސައިގަނެފި ނަމަ އެނބުރި އެގަލަށް ނާދެވޭނެތީއެވެ. އެހެނީ އެފަދަ ފަރުތަކުގައި ހިކިފައި ހުންނަ ގާ ވަރަށް މަދުވާނެއެވެ. ނަމަވެސް އެ ގާތަކަށް ތިރިކުރާން އަންނަ އުދުހޭ ދޫނިތައް މަދެއް ނުވާނެއެވެ. އެހެންކަމުން އިށީނދެ އިން ގަލުން އުދުއްސައި ގަންނަން ވާނީ ދެން ގޮސް އިށީންނާނޭ ގަލެއް ހޯދާފައެވެ. ނޫންނަމަ ތަނެއްގައި ނުއިށީނދެ އުދުހި އުދުހި ވަރުބަލިވާނެއެވެ.

މިބަހުގެ ހަގީގީ މާނައަށް ޖެހިލަމާތޯއެވެ. މި ބަސް ބުނެ އުޅެނީ މީހުން އަދާ ކުރާ ވަޒީފާތަކުން ކެނޑެން އުޅޭ ދަނޑިވަޅު ތަކުގައެވެ. ނުވަތަ މީހަކު ކުރަމުން އަންނަ ކަމެއް ހުއްޓާލާ އެހެން ކަމެއް ކުރަން ވިސްނާ ދަނޑިވަޅެއްގައެވެ. މިހެން ބުނެ އުޅެނީ ނަސޭހަތްތެރި ވުމަށެވެ. ދެން ކުރާން ހުރި ކަމެއް ހޯދުމަށް ފަހުގައި ނޫނީ މިހާރު ކުރާކަމެއް ދޫކޮށްނުލާން ބުނާ ބުނުމެކެވެ.

މިސާލަކަށް މީހަކު ވަޒީފާ އަދާ ކުރާ އޮފީހަކުން ކެނޑެން އުޅޭނަމަ، އިތުރު ވަޒީފާ އެއް ހޯދުމަށް ފަހުގައި ނޫނީ މިހާރު ހުރި ވަޒީފާ ދޫނުކޮށްލުމަށް ނަސޭހަތްތެރިވުމުގެ ގޮތުން، އިށީންނާނެ ގަލެއް ނުބަލާ އުދުއްސައި ނުގަންނާށޭ ބުނެއުޅެއެވެ.