'ހެރީ ޕޮޓާ'ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވި ހޮލީވުޑްގެ ފިލްމީތަރި ޑޭނިއެލް ރެޑްކްލިފް، "ހެރީ ޕޮޓާ"ގެ އައު ފިލްމަކުން 'ހެރީ ޕޮޓާ'ގެ ކެރެކްޓަރގައި އެނބުރި އައުމަކީ މިހާރު އެއްވެސް ޝަޢުޤުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށް ބުނެފިއެވެ. 

05 އަހަރުގެ މެދުކެނޑުމަކަށްފަހު 2016ގައި "ހެރީ ޕޮޓާ"ގެ މުޅިން އައު ޗެޕްޓަރއެއްގެ ސްކްރީންޕްލޭއެއް ރިލީޒްކޮށްފައިވެއެވެ. "ހެރީ ޕޮޓާ: އެންޑް ދަ ކާސްޑް ޗައިލްޑް"ގެ ނަމުގައި 2 ބަޔަކަށް ބަހާލައިގެން ނެރުނު މި ޗެޕްޓަރ ފެށެނީ "ހެރީ ޕޮޓާ"ގެ އެންމެ ފަހުން ނެރުނު ފިލްމު "ހެރީ ޕޮޓާ: އެންޑް ދަ ޑެތުލީ ހެލޯސް 2" ނިމޭ ހިސާބުންނެވެ.

"ހެރީ ޕޮޓާ"ގެ މި ޗެޕްޓަރ ވެސް ފެށުމުގެ މައިގަނޑު އަސްލަކަށް ވެގެން ދިޔައީ "ހެރީ ޕޮޓާ"ގެ ފުރަތަމަ 02 ފިލްމުވެސް ޑައިރެކްޓްކުރި ޑައިރެކްޓަރު ކްރިސް ކޮލްމްބަސްއެވެ. މި ސްކްރީންޕްލޭއާ ބެހޭގޮތުން ވާހަކަ ދައްކަމުން ކްރިސް ކޮލަމްބަސް ބުނީ ފިލްމުގެ ކާސްޓުން ކަމަށްވާ ޑޭނިއެލް ރެޑްކްލިފް އާއި ރުޕަރޓް ގްރިންޓް އަދި އެމާ ވަޓްސަންގެ އެނބުރި އައުން މީގައި ވާން އޮތް ނަމަ މިފިލްމު "ސިނަމެޓިކް ބްލިސް"އަކަށް ވެގެންދާނެ ކަމަށެވެ.

Harry Potter and the Cursed Child tickets sold on second-hand websites by  touts for up to £2,200 | The Independent | The Independent

މުޅި "ހެރީ ޕޮޓާ" ވާހަކަތަކުގެ މަންމަ ކަމަށްވާ "ޖޭ.ކޭ ރޯލިންގ" އާއި "ޖޯން ޓިފަނީ" އަދި "ޖެކް ތޯރން" ލިޔެ ނެރުނު މި ސްކްރީންޕްލޭއަށް ފިލްމު ހެދުމަށާއި 'ހެރީ ޕޮޓާ'ގެ ގޮތުގައި ޑޭނިއެލް ރެޑްކްލިފް ފެނިގެން ގޮސްފާނެތޯ ނުވަތަ ފެންނަން ބޭނުންތޯ ދާދި ފަހުން ޑޭނިއެލްއަށް ސުވާލުކުރެވުނެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ "މިއީ އެއްވެސް މީހަކު މުޅިން ހިތްހަމަޖެހޭ ޖަވާބަކަށް ނުވެދާނެ! ނަމަވެސް އަހަރެންނަށް އިޙުސާސްކުރެވެނީ "ހެރީ ޕޮޓާ" މިހާރު ނިމިފައި އެއޮތް ހިސާބު އޯކޭ ކަމަށް، އެންމެ ފުރިހަމައަށް އެކެރެކްޓަރ ގެނެސްދެވިއްޖެކަމަށް! އަހަރެންނަށް އަދިވެސް "ހެރީ ޕޮޓާ: އެންޑް ދަ ކާސްޑް ޗައިލްޑް" ކުޅެވިދާނެ، އެކަމަކު "ހެރީ ޕޮޓާ" ފްރެންޗައިސްގެ އައު ފިލްމަކާއެކު ފެންނާކަށް މިވަޤުތު އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތް!"

އަދި މީގެ އިތުރުން ވެސް އޭނާ ބުނެފައިވެއެވެ. "އެއްވެސް ޙާލެއްގައި އެއްވެސް އިރެއްގައި "ހެރީ ޕޮޓާ"ގެ ފިލްމަކުން ދެން ނުފެންނާނެއެކޭ ނޫން މިބުނީ! "ސްޓަރ ވޯރސް"އަށް ވެސް 30، 40 ވަރަކަށް އަހަރު ވެގެން ދިޔައީ... އެކަމަކު ހަމަ އެ ކާސްޓުން އެބައުޅޭ ނޫންތޯ... "ހެރީ ޕޮޓާ" މެދުކެނޑުނުފަހުން އަދި މިވީ 10 އަހަރު! އެހެންވީމަ ކުރިއަށް އޮތް ތަނުގައި ހަމަ 'ހެރީ ޕޮޓާ'ގެ ނަމުގައި ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް! ބުނަން މިއުޅެނީ މިވަޤުތު އެކަމަކަށް އެހާ ޝަޢުޤުވެރިކަމެއް ނެތޭ!"

"ހެރީ ޕޮޓާ" ފްރެންޗައިސްގެ އެންމެ ފަހު ފިލްމު ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރެވެ. 10 އަހަރު ތެރޭގައި "ހެރީ ޕޮޓާ"ގެ ޖުމްލަ 08 ފިލްމު ވަނީ ނެރެފައެވެ. އަދި ދާދި ފަހުން ވަނީ "ހެރީ ޕޮޓާ"ގެ 20 ވަނަ އެނިވާސަރީ ފާހަގަކުރުމުގެ ގޮތުން "ހެރީ ޕޮޓާ: ރިޓާރން ޓު ހޮގްވަރޓްސް"ގެ ނަމުގައި ޑޮކިޔުމެންޓަރީއެއް ވެސް ނެރެފައެވެ. 

Harry Potter 20th Anniversary: Return To Hogwarts Review: Daniel Radcliffe,  Emma Watson & Rupert Grint Are Casting The Spell Again, Hold Back Your  Tears If You Can