2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ސްޓްރީ' ގެ ސީކުއެލްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން އުޅޭ ކަމުގެ އިޝާރާތެއް އެ ފިލްމުގެ މައިގަނޑު ދެ ރޯލު ކުޅުނު ޝްރައްދާ ކަޕޫރާއި ރާޖްކުމާރް ރާއޯ ދީފިއެވެ.
މިކަން ޝްރައްދާ އިޢުލާންކޮށްފައިވަނީ ދާދި ފަހުން 'ބޭޅިޔާ' ގެ ލަވައެއްގެ ޝޫޓިންގެ މަސައްކަތުގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމުގައި ޙިއްޞާކުރަމުންނެވެ. ވީޑިއޯގައި ޝްރައްދާ ބުނަނީ 'ސްޓްރީ' އެނބުރި އަތުވެއްޖެކަމަށެވެ. އަދި ހަމައެހެންމެ އަލުން ފިލްމުގެ ސެޓަށް އެނބުރި އައުން ވީ ވަރަށް އުފާވި ކަމަކަށް ކަމަށް ވެސް ޝްރައްދާ ބުނެފައިވެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ފިލްމުގެ ޝޫޓިންގ ވަރަށް އަވަހަށް ފަށާނެއެވެ. އަދި ސްކްރިޕްޓްގެ މަސައްކަތް މިހާރު ޑައިރެކްޓަރު އަމަރް ކޯޝިކް ކުރަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
'ސްޓްރީ'ގައި ޝްރައްދާއާއެކު ފެނިގެންދިޔަ ރާޖްކުމާރް ރާއޯ ވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. ޚަބަރު ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ރާޖްކުމާރް ބުނީ 'ސްޓްރީ 2' ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ޕިންކްވިލާއިން މަޢުލޫމާތު ލިބޭ ގޮތުން ނަމަ އެކްޓަރު ވަރުން ދަވަންގެ ޚާއްޞަ ރޯލެއް ވެސް 'ސްޓްރީ 2' ގައި ފެނިގެންދާނެއެވެ. އަދި ފިލްމު 'ބޭޅިޔާ' އާއި 'ސްޓްރީ 2' އާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާނެ ކަމަށް ވެސް ޕިންކްވިލާއިން ބުނެއެވެ.
2010ގައި ބޮލީވުޑްގެ ފިލްމީ ކެރިއަރު ފެށި ޝްރައްދާ އެންމެ ފަހުން ފެނިގެންދިޔައީ ޓައިގަރ ޝްރޮފްގެ 'ބާގީ 3' އިންނެވެ. ނަމަވެސް ދާދި ފަހުން ރިލީޒްކުރި 'ބޭޅިޔާ'ގެ ޚާއްޞަ ލަވައެއްގައި ވެސް ޝްރައްދާގެ ފެނިލުމެއް ވެއެވެ. ރާޖްކުމާރް އެންމެ ފަހުން ފެނުނީ 'ހިޓް: ދަ ފަސްޓް ކޭސް' އިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން