ރިތިކް ރޯޝަން ބޮލީވުޑުން މަޤްބޫލްކަން ހޯދި "ކްރިޝް" ފްރެންޗައިސްގެ ހަތަރުވަނަ ފިލްމު ވަރަށް އަވަހަށް އަންނަން އުޅޭ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާއެއް ކަމަށްވާ 'ޕިންކްވިލާ'އާ ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ދެން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައިވާ 2 ފިލްމު ތެރޭގައި "ކްރިޝް 4" ހިމެނޭ ކަމަށެވެ. އަދި ހަމައެހެންމެ މަޑުމަޑުން ފިލްމުގެ ޕްރީ ޕްރޮދަކްޝަން މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށާ، ފިލްމުގެ ޢަމަލީ މަސައްކަތް ނުފެށިގެން އުޅެނީ ކުޑަކުޑަ ޓެކްނިކަލް ތާށްޓެއް ވެގެން އުޅޭތީ ކަމަށް ވެސް ރިތިކް ބުނެފައިވެއެވެ. ނަމަވެސް ދިމާވެގެން އުޅޭ މައްސަލައެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
"ކްރިޝް"އަކީ ދުނިޔޭގެ އެތައް ބައެއްގެ މެދުގައި މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. އެއީ އެކްޝަން/ތްރިލަރ ސްކްރިޕްޓަކަށް އުފައްދައިފައިވާ ތަފާތު ހީރޯއެއް ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން "ކޮއި މިލްގަޔާ"ގެ ނަމުގައި ފެށި ފިލްމު ދިގުލައިގެން ގޮސް ބޮޑު ފްރެންޗައިޒަކަށް ބަދަލުވެ "ކްރިޝް" ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ރިތިކްގެ ބައްޕަ ރާކޭޝް ލިޔެ ޑައިރެކްޓްކުރާ މިފިލްމު މިހިނގާ 2023ގައި ރިލީޒްކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ މީގެ ކުރިން ފެތުރިފައެވެ. ނަމަވެސް އެއީ ކިހާވަރެއްގެ ޙަޤީޤަތެއް ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ރިތިކްގެ މިވާހަކައިން ލަފާކުރެވެނީ އެންމެ ލަސްވެގެން ވެސް 2024ގެ ތެރޭގައި ފިލްމު ރިލީޒްކުރެވޭނެ ކަމަށެވެ.
ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ ސައިފް ޢަލީ ޚާނާއެކު "ވިކްރަމް ވޭދާ"އިންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން