ބޮލީވުޑް އެކްޓަރު ސިދާތު މަލްހޯތުރާގެ ކުރިއަށް އޮތް ފިލްމު "ޔޯދާ" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚް އަނެއްކާވެސް ލަސްކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މި ފިލްމުގެ ތާރީޚް ބަދަލުކުރި 4 ވަނަ ފަހަރެވެ.
މިފަހަރު ފިލްމު ރިލީޒްކުރުން ލަސްކުރަން ޖެހުނު ސަބަބަކަށްވީ ޝާހްރުކްގެ "ޖަވާން" ރިލީޒްކުރާ ދުވަސްކޮޅާ ދިމާވާތީއެވެ. އެގޮތުން "ޔޯދާ" މިއަހަރުގެ ސެޕްޓެންބަރު 15 ގައި ރިލީޒްކުރަން ނިންމާފައިވަނިކޮށް ޝާހްރުކް ޚާން މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ސެޕްޓެންބަރު 7 އަށް ލަސްކޮށްފައެވެ. އެހެންކަމުން ޝާހްރުކްގެ ފިލްމަކަށް ދިމާކޮށްފިއްޔާ ފިލްމަށް ލިބޭ ކާމިޔާބީ ދަށް ވެދާނެ ކަމުގެ ބިރަށް މުއްދަތެއް ނެތް ގޮތަށް "ޔޯދާ" ވަނީ ލަސްކުރެވިފައެވެ.
ޝާހްރުކްގެ "ޖަވާން"އަށް ހެދި ގޮތަކުން މުޅި އިންޑިއާގެ ރިލީޒިންގ ކަލަންޑަރަށް ބޮޑު ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އެގޮތުން މި ފިލްމުގެ އިތުރުން އެހެން ބައެއް ފިލްމުތަކުގެ ރިލީޒް ތާރީޚް ދަނީ ބަދަލު ކުރަމުންނެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން އުޅުނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު އެވެ. އެހެންނަމަވެސް ފިލްމުގެ ވީ.އެފް.އެކްސްގެ މައްސަލަތަކަކާ ގުޅިގެން އެފަހަރު ރިލީޒްކުރެވޭ ގޮތް ނުވީއެވެ.
"ޔޯދާ"އަށް އަދި ރަސްމީކޮށް އައު ތާރީޚެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ލަފާކުރެވެނީ މިއަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ތެރޭގައި ރިލީޒްކުރާނެ ކަމަށެވެ.
ކަރަން ޖޯހަރް ޑައިރެކްޓްކުރާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ދިޝާ ޕާތުނީއާއި ރާޝީ ކަންނާ ވެސް ފެނިގެންދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން