ދިވެހި ފިލްމު "ނީނާ" ގެ ޕްރޮމޯޝަނަލް ލަވަ އާންމުކޮށްފިއެވެ.

އައިފިލްސް ގެ ދެވަނަ ފީޗަރ ފިލްމުގެ ލަވަ "އަލިފާން" މިހާރުވަނީ  ޔޫޓިއުބްގައި ރިލީޒްކޮށްފައެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ އަންދަލާ ހަލީލްގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވައިގައި ކިޔައިދެނީ އަންހެނަކު، އޭނާ އަށް ކުރިމަތިވަމުންދާ އަނިޔާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ވާހަކައެވެ. 

މީގެ އިތުރުން އަނިޔާ ދޭ މީހާ ހޯދާނެ ކަމަށާއި އެ ނުބައި އަނިޔާވެރިޔާ ނުހޯދިއްޖެނަމަ "ނީނާ" އަކަށް ނީނާ އެއް ނުކިޔާނެ ކަމަށް ވެސް ލަވައިގާ ބުނެއެވެ.

މި ހިތްގައިމު ލަވަ އަކީ އިލްޔާސް ވަހީދު އަދި އާސިމް އަލީ ގެ ލިރިކްސް އަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގެ މިއުޒިކް ހެދީ މިސްޓީއެވެ.

"ނީނާ" އޮލިމްޕަހުގައި ޕްރެމިއަރ ކުރުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. 

ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ޝަރަފް ގެ ފުރަތަމަ ފީޗަރ ފިލްމެވެ. 

މި ފިލްމުގެ ޓީޒާ ޓްރެއިލަރ ވެސް އާންމުކޮށްފައިވާއިރު، ގިނަބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

މި ފިލްމަކީ ނުޒޫގެ ތަފާތު އެކްޓިންގއެއް ފެނިގެންދާއިރު، ނުޒޫ ވަނީ މާޝަލް އާޓް ކްލާސްތަކެއް ވެސް ފުރިހަމަކޮށްފައެވެ.