ބާރބީ މޫވީގެ ކާމިޔާބަށްފަހު ފިލމުގެ ލީޑް ދެތަރިން، ބާރބީ އަދި ކެންގެ ރޯލު އަދާކުރި، މާރގޯ ރޮބީއާއި ރަޔާން ގޮސްލިން އޯޝަންސް 11 ގެ ޕްރީކުއެލްއަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްކޮށްފިއެވެ.

މި ކްރައިމް ތްރިލަރއިން ދައްކުވައިދޭނީ އޯޝަންސް 11 މޫވީ ސީޒްގެ މިހާތަނަށް ނިކުމެފައިވާ ފިލްމުތަކަށްވުރެ ކުރީގެ ޓައިމްލައިނެކެވެ. ފިލްމުގެ ޑައިރެކްޓަރ ޖޭ ރޯޗާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގިތުން ފިލމުން ދައްކުވައިދޭނީ 1962 ވަނަ އަހަރުގެ މޮންޓެ ކާރލޯއެވެ. ޑައިރެކްޓަރު ބުނެފައިވާގޮތުންނަމަ ފިލްމުގެ އައިޑިއާ ދިނީވެސް މާރގޯއެވެ.

ރޮމޭންޓިކް ކޮމެޑީ ބާރބީ މޫވީ އިން މި ދެތަރިންގެ ޖޯޑަށް ލިބުނު ފަދަ ތަރުޙީބެއް މި ފިލްމުންވެސް ލިބިގެންދާނެތޯ މި ސުވާލުގެ ޖަވާބު ލިބޭނީ ފިލމު ރިލީޒް ކުރުމުންނެވެ. އެހެންނަމަވެސް މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. ރިޕޯޓްތައް ބުނަނީ އަންނަ އަހަރު ފަހުކޮޅު ފިލްމު ބޮޑު ސްކްރީނަށް އަންނާނެކަމަށެވެ. 

އޯޝަންސް އިލެވެން ސީރީޒްގެ ފުރަތަމަ ތިން ފިލްމު ލީޑް ކޮށްފައިވަނީ ޖޯރޖް ކްލޫނީ، ބްރެޑް ޕިޓް އަދި މެޓް ޑޭމަންއެވެ. ހަތަރުވަނަ ފިލްމު އެއްކޮށް ލީޑް ކުރީ އަންހެން ތަރިންނެވެ. އެގޮތުން އެ ފިލްމުން ސޭންޑްރާ ބުލޮކް، ކޭޓް ބްލާނޗެޓް، އޭން ހެދަވޭ، ސާރާ ޕޯލްސަން، ރިއާނާ އަދި ހެލެން ބޮނަމް ކާރޓަރގެ އިތުރުން އަކުއަފީނާ މުހިއްމު ރޯލުތަކުން ފެނިގެންދިޔައެވެ.

ފުރަތަމަ ތިން ފިލްމަށް ލިބުނުވަރުގެ އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ހަތަރުވަނަ ފިލްމަށް ނުލިބުނަސް އެ ފިލްމުވެސް ވެގެންދިޔައީ ބެލުންތެރިންގެ މެދުގައި މަޤްބޫލު ހިޓް ފިލްމަކަށެވެ.

 

އޯޝަންސް ފިލްމު ސީރީޒްގެ މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމުތައް:

އޯޝަންސް އިލެވެން (2001 ވަނަ އަހަރު)

އޯޝަންސް ޓުވެލްވް (2004 ވަނަ އަހަރު)

އޯޝަންސް ތަރޓީން (2007 ވަނަ އަހަރު)

އޯޝަންސް އެއިޓް (2018 ވަނަ އަހަރު)