"ތަލްވާރު"، "ރާޒީ"، އަދި ދާދި ފަހުން "ސޭމް ބަހާދުރު" ފަދަ ފިލްމުތަކުން ބެލުންތެރިންނާއި، ފާޑުކިޔުންތެރިންގެ ތައުރީފު ލިބިފައިވާ ޑައިރެކްޓަރު، މެގްނާ ގުލްޒާރުގެ 50 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކުރިއިރު، ސޯޝަލް މީޑިއާގައި އޭނާގެ ފޭނުން ދަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާތައް ކިޔަމުންނެވެ.

އެގޮތުން، "ސޭމް ބަހާދުރު"ގެ ތަރި ވިކީ ކައުޝަލް ވެސް ވަނީ މި ހާއްސަ މުނާސަބަތުގައި އޭނާގެ  އިންސްޓަގްރާމްގައި ހާއްސަ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. މެގްނާ އަށް ތަހުނިޔާ ކިޔަމުން އޭނާ ވަނީ އެދެމީހުން އެކުގައި ނަށަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުނަށް ދައްކާލާފައެވެ. 

ބުދަ ދުވަހުގެ މެންދުރު ފަހު ވިކީ ކައުޝަލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި މެގްނާ އާއެކު "ބާތުޑޭ ޑާންސް" ކުރާ  ވީޑިއޯއެއް ހިއްސާކޮށްފައެވެ. އޭނާގެ އުފަން ދުވަހުގައި އަމަލީ ގޮތުން އޭނައާއި އެކު އުޅެވޭ ގޮތެއް ނުވި ނަމަވެސް، އޭނަގެ އުފަންދުވަސް އިތުރަށް ޚާއްޞަ ކުރުމަށްޓަކައި ހިތުގެ އަޑިން ލިޔެފައިވާ ޕޯސްޓެއް މި ވީޑިއޯ އާއި އެކު ޝެއާ ކުރިއެވެ. އެ ވީޑިއޯއަކީ އެމީހުން "ސޭމް ބަހާދުރު"ގެ ޝޫޓިން ކުރިއަށް ގެންދިޔަ ދުވަސްވަރުގެ ވީޑިއޯއެއް ކަމަށް ފެނެ އެވެ.

އޭނާ މި ޕޯސްޓާއި އެކުގައި ލިޔެފައިވާ ގޮތުގައި މެގްނާ އަކީ މުޅި ސެޓްގައި ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކު ކަމަށާއި އެ ކަހަލަ ވަރުގަދަ ޑައިރެކްޓަރަކާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ އޭނާ އަށް ލިބުން ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އަބަދުވެސް މެގްނާ އަށް އުފާވެރިކަމަށް އެދޭކަމަށާއި އުފާވެރި އުފަން ދުވަހަކަށް އެދޭކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މެގްނާ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދު ކުރާކަމަށް އޭނާ ވަނީ އެ ޕޯސްޓުގައި ލިޔެފައިއެވެ. 

"ސޭމް ބަހާދުރު" އަކީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ "ރާޒީ" އެވެ. "ރާޒީ" އަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.