ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް އެކުގައި ފެނިގެންދާ ފިލްމު، "ފައިޓާ" އަކީ ސިދާތު އަނަންދު ޑައިރެކްޓްކުރާ އެކްޝަން ފިލްމެކެވެ.

މި ފިލްމުގައި "ޕެޓީ" ގެ ރޯލުން ރިތިކް ރޯޝަން ފެނިގެންދާއިރު، އިތުރު ތަރިންގެ ތެރޭގައި؛ ދީޕިކާ ޕަދުކޯން، އަނިލް ކަޕޫރު، ކަރަން ސިންގް ގްރޯވަރ، އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިޚް އަދި ތަލާތު އަޒީޒް ހިމެނެ އެވެ.

މިދިޔަ ބުދަ ދުވަހު މި ފިލްމުގެ ޓީމުން ވަނީ ކަރަންގެ ޕޯސްޓަރު ދައްކާލައި، ސްކޮޑްރަން ލީޑަރު "ސަރްތާޖް ގިލް" ގެ ގޮތުގައި އޭނާ ތައާރަފްކޮށްފަ އެވެ.

ދީޕިކާ އާއި ރިތިކް ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އަކްޝޭ އޮބެރޯއީ ފެނިގެންދާ "ފައިޓާ" ޕޯސްޓަރު ދައްކާލައިފަ އެވެ. އެމީހުން އޭނާ ތައާރަފްކުރީ ސްކޮޑްރަން ލީޑަރު ބަޝީރު ޚާން "ބާޝް" ގެ ގޮތުގައެވެ. އެ ޕޯސްޓަރުން އަކްޝޭ އޮބެރޯއީ ފެނިގެންދަނީ، އެއާފޯސް ޔުނީފޯމްގައި ކަޅު އަވިއައިނު އަޅައިގެންނެވެ.

މި ޕޯސްޓަރު ދައްކާލުމާއި އެކު ގިނަ ބަޔަކު ވަނީ މި ފޮޓޯ އަށް ތައުރީފް ކޮށްފައެވެ. އެގޮތުން، އެއްބަޔަކު އޭނާގެ ރީތި ކަމަށް ތައުރީފު ކުރަމުން ދިޔައިރު އަނެއްބަޔަކު އޭނާ އަށް މި ފިލްމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން މަރުހަބާ ކިޔާފައިވެއެވެ.

ސްކޮޑްރަން ލީޑަރު "މިނަލް ރާތޯރު"ގެ ރޯލުން ދީޕިކާ ފެނިގެންދާއިރު، އަނިލް ކަޕޫރު ފެނިގެންދާނީ ގްރޫޕް ކެޕްޓަން "ރާކޭޝް ޖައި ސިންގ"، 'ރޮކީ'ގެ ރޯލުންނެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހާ ދިމާކޮށް، އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.