ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ސައިންސް ފިކްޝަން ފިލްމު "ޑިއުން" ގެ ދެވަނަބައި "ޑިއުން: ޕާޓް ޓޫ" އިން ހޮލީވުޑްގައި މިހާރު އަރަމުން އަންނަ އެކްޓްރެސް، އަންޔާ ޓޭލާ-ޖޯއީ ފެނިގެންދާނެ ކަމަށް ފަހުގެ ހަބަރުތައް ބުނެފިއެވެ.

ނެޓްފްލިކްސްގެ "ދަ ކުއީންސް ގެމްބިޓް" ސީރީޒް އިން ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި އަންޔާ ޓޭލާގެ އިތުރުން "ޑިއުން" ގެ ދެވަނަ ބައިން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި؛ ޒެންޑާޔާ، ޓިމޮތީ ޝަލަމޭ، އޯސްޓިން ބަޓްލާ އާއި ފްލޮރެންސް ޕިއު ހިމެނެއެވެ.

"ޑިއުން" ގެ ދެވަނަ ބައިގައި އަންޔާ ޓޭލާ، 27، ކުޅޭ ރޯލްގެ މާބޮޑު ތަފްޞީލެއް ހާމަކޮށްފައިނުވީނަމަވެސް ލަންޑަންގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ފިލްމުގައި ޕްރިމިއާގައި ބައިވެރިވެފައިވުމާއެކު ވެރައިޓީ އިން ވަނީ އެ ފިލްމުން އޭނާ ފެނިގެންދާނެކަން ކަށަވަރުކޮށްދީފައެވެ.

އެގޮތުން، ވެރައިޓީ އިން ވަނީ، "ޑިއުން" ގެ ފްރެންޗައިސްގެ ދެވަނަ ބައިގައި އަންޔާ ޓޭލާ ފެނިގެންދާނީ މުހިއްމު ރޯލަކުން ކަމަށް ބުނެފައެވެ. 

"ޑިއުން ޕާޓް ޓޫ" ގެ ޕޯސްޓަރެއް. --ފޮޓޯ: އައިއެމްޑީބީ

މި ފިލްމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެންދިއުމަކީ 'ހުވަފެނެއް ހަގީގަތަކަށްވުން' ކަމަށް އަންޔާ ޓޭލާ ވަނީ ސިފަކޮށްދީފައެވެ.

"މި ފިލްމު ބިނާކޮށްފައިވާ ވާހަކަތައް ވަރަށް ފުރިހަމަ، މި ކާސްޓުންނާއެކު ޑެނިސް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފަ." ވޯނާ ބްރަދާސް އަށް ދިން އިންޓަވިއުގައި އަންޔާ ޓޭލާ ބުންޏެވެ.

"ޑިއުން: ޕާޓް ޓޫ" ގެ ޑައިރެކްޓަރު ޑެނިސް ވިލެނޯވާ މީގެކުރީން އެންޓަޓެއިންމަންޓް ވީކްލީ އަށް ދިން އިންޓަވިއުއެއްގައި ވަނީ، މި ފިލްމުގައި ފެނިގެންދާ ތަރިންގެ ރޯލްތަކާ ގުޅޭ މައުލޫމާތުތައް ހިއްސާ ނުކުރުމަށް 'ލެއިން ސޮއިކޮށްގެން' އެއްބަސްވެފައިވާ ކަމަށް މަޖާޒީ ގޮތަކަށް ބުނެފައިވެއެވެ.

"ޑިއުން: ޕާޓް ޓޫ" ގެ މަންޒަރެއްގެ ތެރެއިން. --ފޮޓޯ: އައިއެމްޑީބީ

"ޑިއުން" ގެ ނަމުން ނެރެފައިވާ ފުރަތަމަ ފިލްމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބިފައިވާއިރު، ޖުމްލަ ހަ އޮސްކާ އަށް ނޮމިނޭޓްވެފައިވެއެވެ.

"ޑިއުން" ގެ ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ފަހަރުގެ ފިލްމުން ވެސް ބްލޮކްބަސްޓާ ކާސްޓެއް ފެނިގެންދާނެއެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި؛ ރިބެކާ ފާގަސަން، ޖޯޝް ބްރޯލިން، ޑޭވް ބަޓިސްޓާ، ކްރިސްޓޮފާ ވޯކެން އާއި ހަވިއޭ ބާޑެމް ހިމެނެއެވެ.

"ޑިއުން ޕާޓް ޓޫ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗް މަހުގެ އެއްވަނަ ދުވަހު އެވެ.