ފިލްމުތައް ހުށަހަޅާއިރު، ހަމައެކަނި ބުރުސޫރައަށް ބަލައިގެން ކެރެކްޓާ ލިޔާތީ ހިތްހަމަނުޖެހޭކަން ނޯރާ ފަތޭހީ ހާމަކޮށްފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ މިހެން ބުނެފައިވަނީ ދާދި ފަހުން ރިލީޒްކުރި އޭނާގެ ފިލްމު "ކްރެކް" އަށް ތަޢުރީފުކުރަމުންނެވެ. އެ ފިލްމުގައި ނޯރާ ކުޅެފައިވަނީ އެކްޝަން ކެރެކްޓާ އެކެވެ.

އެ ފިލްމާ ބެހޭގޮތުން 'އީޓައިމްސް' ނޫހަށް ދިން އިންޓަވިއުއެއްގައި 32 އަހަރުގެ ނޯރާ ބުނީ، އޭނާ ކަހަލަ ތަރިންނަށް ޑައިރެކްޓަރުން ފިލްމު ދޭއިރު ބަލަނީ ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ކަމަށެވެ. އެގޮތުގެ މަތިން ދެނީ އެއްވެސް އޮއްޓަރެއް ނުހުންނަ ކެރެކްޓާތައް ކަމަށްވެސް ބުނެފައިވެއެވެ. ނޯރާ ވަނީ އެކަމާ ބެހޭގޮތުން ނުރުހުން ފާޅުކޮށްފައެވެ. 

ނޯރާ ބުނީ އޭނާއަކީ ހަމައެކަނި ރީތި ތަރިއެއް ނޫން ކަމަށާއި، އޭނާގެ ގައިގައި ހުނަރު ވެސް ހުންނާނެ ކަމަށެވެ. އަދި "ކްރެކް"ގައި ކުޅުނު ރޯލު ފަދަ ތަފާތު ރޯލުތައް ކުޅުމުގެ ޤާބިލުކަން އެބަހުރި ކަމަށެވެ. 

"ކްރެކް"ގައި ނޯރާގެ އިތުރުން ދެން ހިމެނޭ ތަރިންގެ ތެރޭގައި ހިމެނެނީ އަރްޖުން ރާމްޕަލް، އެމީ ޖެކްސަން އަދި ވިދްޔުތު ޖަމްވަލް އެވެ.