މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެކް ރިޕަބްލިކް އަތުން ކްރޮއޭޝިއާ އަށް ޕޮއިންޓެއް ލިބުނުއިރު، ސްވިޑެން އިން ސްލޮވާކިއާ އަތުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިރޭ ގްރޫޕް ޑީ ގައި ހިމެނޭ ޗެކް ރިޕަބްލިކާ ކްރޮއޭޝިއާ ބައްދަލުކުރި މެޗުން ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ގްރޫޕް އީ ގައި ހިމެނޭ ސްލޮވާކިއާ އަތުން ސްވިޑެން ވަނީ 1-0 އިން މޮޅުވެފައެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި ހުންނަ ހޭމްޕްޑެން ޕާކްގައި މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ކްރޮއޭޝިއާ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ޗެކް ރިޕަބްލިކުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޕެޓްރިކް ޝިކް އެވެ.

މިއީ ޕެނަލްޓީއޭރިޔާތެރެއިން ކްރޮއޭޝިއާގެ ޑޭޔަން ލޮވްރެން ޗެކް ރިޕަބްލިކްގެ ފޯވާޑް ޝިކް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ޝިކް ވަނީ މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ތިން ލަނޑުޖަހައި. ލަނޑުލިސްޓުގެ އެންމެ ކުރިއަށްޖެހިލާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ އިންޓަ މިލާންގެ ވިންގާ އިވާން ޕެރިސިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ޕެރިސިޗް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން، މި މެޗުން ތިން ޕޮއިންޓް ހޯދުމަށް ކްރޮއޭޝިއާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި ނަތީޖާއާއެކު ގްރޫޕް ޑީ ގެ އެއްވަނައިގައި މިވަގުތު އޮތީ ޗެކް ރިޕަބްލިކް އެވެ .އެއީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންގްލެންޑުން މިރޭ ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެ ޓީމަށް އެއްވަނަ ލިބޭނެ އެވެ. ކްރޮއޭޝިއާ އޮތީ ދެ މެޗުން ހޯދީ އެއް ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް ސްކޮޓްލެންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އަނެއް މެޗުގައި ސްވިޑެން އިން 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާގެ މައްޗަށް ކުރިހޯދައި، ދެވަނަ ބުރުގެ އުއްމީދު ވަނީ ބޮޑުކޮށްފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ދެ މެޗުން ހޯދީ ތިން ޕޮއިންޓާއެކު ސްލޮވާކިއާ އެވެ. ތިންވަނައިގައި އޮތް ސްޕެއިނަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޕޮލެންޑަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިރޭގެ މެޗުގައި ސްވިޑެން އިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ވިންގާ އެމީލް ފޯސްބާގް އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ރޮބިން ކުއާއިސަން އަށް ސްލޮވާކިއާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ގޯލާއެކު ފޯސްބާގް ވަނީ 2012 ވަނަ އަހަރުގެ ޔޫރޯގައި ސެބާސްޓިއަން ލާސަން ގޯލެއް ކާމިޔާބުކުރި ފަހުން ސްވިޑެން އަށް ޔޫރޯގައި ލަނޑެއްޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމުން ޖެހި ގޯލަކީ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.