މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޮލެންޑާ 1-1 އިން އެއްވަރުވެ، މިހާތަނަށް ކުޅުނު ދެ މެޗުން މޮޅެއްނުހޯދި ސްޕެއިނަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ސްޕެއިނުން ކުޅުނު ދެ މެޗުގެ ތެރެއިން އެއްވަރުވި ދެވަނަ މެޗެވެ. އެ ޓީމުން ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. އަދި މިއީ 1996 ވަނަ އަހަރުގެ ފަހުން ޔޫރޯ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން އެ ޓީމަށް މޮޅެއްނުލިބުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މި މުބާރާތުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައެއްނުވެއެވެ. ދެ މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުން ވީ ބައްޔެވެ.
ރޭގެ ނަތީޖާއާއެކު ގްރޫޕް އީ ގެ ޕޮއިންޓް ތާވަލްގެ އެންމެ ފުލުގައި އުޅެނީ ސްޕެއިނާއި ޕޮލެންޑެވެ. އެންމެ ކުރީގައި އުޅޭ ސްވިޑެން އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނައިގައި ސްޕެއިން އޮތީ ދެ ޕޮއިންޓާއެކު އެވެ. އަދި ޕޮލެންޑް އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އެވެ.
ސްޕެއިނުން ރޭގެ މެޗަށް ނިކުތީ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފެރާން ޓޮރޭސްގެ ބަދަލުގައި ވިޔަރެއާލްގައި މޮޅު ކުޅުމެއްދެއްކި ޖެރާޑް މޮރޭނޯ އަށް ފުރުޞަތު ދީގެންނެވެ. ދާދިފަހުން ކޮވިޑުން ރަނގަޅުވި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އިނީ ބެންޗުގައެވެ.
ސްޕެއިނުގެ ސެވިލްގައި ހުންނަ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ޕޮލެންޑަށް ލީޑްނަގައިދޭން އެ ޓީމުގެ ލީޑްސް ޔުނައިޓެޑްގެ މިޑްފީލްޑަރު މަޓެއުޝް ކްލިޗް އޭރިޔާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ސްޕެއިނުން މި މެޗުގައި ލީޑްނެގީ 25 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯ ދިން ބޯޅައަކުން މޮރާޓާ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ އޮފްސައިޑް ކަމަށް ބެލެވުނު މި ގޯލް، ރެފްރީ ބަލައިގަތުމަށް ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ. މި ގޯލާއެކު މޮރާޓާ ވަނީ ސްޕެއިނަށް ޔޫރޯ މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފެނާންޑޯ ޓޮރޭސް އެވެ. އޭނާ ފަސް ގޯލްޖަހާފައިވާއިރު، ޑޭވިޑް ވިޔާ އާއި މޮރާޓާ ވަނީ ހަތަރު ލަނޑުޖަހާފައެވެ.
އޭގެފަހުން، ޕޮލެންޑަށް އެއްވަރުކޮށްދޭން ކެރޯލް ސްވިޑާސްކީ އާއި އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ ވަރަކަށް މިނެޓުގެ ތެރޭގައި ޕޮލެންޑަށް އެއްވަރުކޮށްދިނީ ލެވަންޑޯސްކީ އެވެ. މިއީ އެ ޓީމުގެ ކަނާތް ފަރާތުން ކަމިލް ޔޮޒްވިއާކް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލެވަންޑޯސްކީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓުފަހުން، ސްޕެއިނަށް އަލުން ލީޑްނަގަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ސްޕެއިނުގެ ފޯވާޑް މޮރޭނޯ އަށް ޕޮލެންޑްގެ ޖަކޫބް މޯޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ، މޮރޭނޯ ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. އަދި ރީބައުންސްގައި މޮރާޓާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
އޭގެފަހުން، ސްޕެއިނުން ބަދަލުތަކެއް ގެނެސްގެން ލަނޑެއްޖަހަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީ ފޮނުވާލި ބޯޅަ ޕޮލެންޑްގެ ކީޕަރު ވޮޝިއެކް ޝެޒްނީ މަތަކުރިއިރު މޮރާޓާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޝެޒްނީ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޮލެންޑުން ކުޅެން އެރި ކެސްޕާ ކޮޒްލޯވްސްކީ ވަނީ ޔޫރޯގެ ތާރީޚުގައި މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގެ 55 ވަނަ މިނެޓުގައި ކުޅެން އެރިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 246 ދުވަހެވެ. މީގެކުރީން، މި ރެކޯޑް އޮތީ މި މުބާރާތުގެ ގްރޫޕް ޑީ ގައި ހިމެނޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެން ނިކުތް އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަތުގައެވެ. އެމެޗުގައި ކުޅެން ނިކުތްއިރު ބެލިންހަމްގެ އުމުރަކީ 17 އަހަރާއި 349 ދުވަހެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށްބަލާއިރު، ގްރޫޕް އޭ ގައި ހިމެނޭ ވޭލްސްއާ ދެކޮޅަށް އިޓަލީ ނިކުންނައިރު ތުރުކީ ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. މިރޭގެ ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން 21:00 ގައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން