މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމުގެ ހަލުވި ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް އަނިޔާވެ، މި މުބާރާތުގައި ދެން ނުކުޅެވޭނެކަން ކަށަވަރުވުމުން އެ ޓީމުގެ ސްކޮޑުން ބާކީކޮށްފިއެވެ.
ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ޑެމްބެލޭ އަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހު ބުޑަޕެސްޓްގައި ހަންގޭރީއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެމްބެލޭގެ ކަކުލަށް އަނިޔާވެގެން ވަނީ 30 ވަރަކަށް މިނެޓުފަހުން ބަދަލުކޮށްފައެވެ.
ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް ފްރާންސްގެ މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު ނެގި އެކްސް-ރޭ އިން އެނގުނީ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއަންނަން އަދި މަހެއްހާ ދުވަސް ނަގާނެކަމަށެވެ.
2017 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 135 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ބާސެލޯނާ އަށް ބަދަލުވި ޑެމްބެލޭ އަށް މީގެކުރީން ވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، ބާސެލޯނާ އަށް ބަދަލުވި ފަހުން ވޭތުވެދިޔަ ހަތަރު ސީޒަނުގައި އަނިޔާގެ ސަބަބުން މިހާތަނަށްއައިއިރު 86 މެޗު ވަނީ ގެއްލިފައެވެ. އެކަމަކު، ނިމިދިޔަ ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ކުޅުނު 44 މެޗުގައި 11 ލަނޑުޖަހައި، އިތުރު ފަސް ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
މިއަހަރުގެ ޔޫރޯގައި ފްރާންސް ޓީމުން ވިދާލާނެ ކަމަށް ބެލެވުނު ޑެމްބެލޭ އަށް ފުރަތަމަ އެގާރައިން ޖާގަ ނުލިބުނު ނަމަވެސް، ގްރޫޕް ސްޓޭޖުގައި އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ޑެމްބެލޭ ވަނީ 2016 ވަނަ އަހަރުގައި ސީނިއާ ޓީމަށް ކުޅެން ފެށިފަހުން މިހާތަނަށް ކުޅުނު 24 މެޗުގައި 4 ލަނޑުޖަހާފައެވެ.
ޑެމްބެލޭ އަށް އަނިޔާވިނަމަވެސް ބަދަލުގައި އެހެން ކުޅުންތެރިއަކު ސްކޮޑަށް އިތުރުކުރުމުގެ ފުރުޞަތެއް ފްރާންސަށް ނެތެވެ. ޔުއެފާގެ ގަވާއިދުގެ ދަށުން މުބާރާތް ފެށުމަށްފަހު ގޯލްކީޕަރަކަށް އަނިޔާވެގެން މެނުވީ އެ ޓީމެއްގެ ސްކޮޑަށް ކުޅުންތެރިއަކު އިތުރުކުރުމުގެ ފުރުޞަތެއްނުލިބެއެވެ. އެހެންކަމުން، ފްރާންސް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ޑެމްބެލޭގެ ބަދަލުގައި ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބޭނުންކުރާނެ ކަމަށް ބެލެވެނީ ބަޔާން މިއުނިކްގެ ހަލުވި ވިންގާ ކިންގްސްލީ ކޯމަން އެވެ.
ފްރާންސަށް މި މުބާރާތުގައި ދެން އޮތީ ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ މެޗެވެ. ނޮކްއައުޓް ބުރުން ފުރުޞަތު ހޯދުމަށްޓަކައި މި މެޗަކީ ދެ ޓީމަށް ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން