މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ސްވިޑެން އިން ގްރޫޕުގެ އެއްވަނަ ކަށަވަރުކުރިއިރު، ސްލޮވާކިއާގެ މައްޗަށް 5-0 އިން ހޯދީ ބޮޑު މޮޅާއެކު ސްޕެއިނުން ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

މި ނަތީޖާއާއެކު ސްވިޑެން އަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސްޕެއިނެވެ. ތިންވަނައިގައި އޮތް ސްލޮވާކިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ޕޮލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ސެއިންޓް ޕީޓަސްބާގުގެ ކްރެޓޯވްސްކީ ސްޓޭޑިއަމްގައި ޕޮލެންޑާ ދެކޮޅަށް ސްވިޑެން ކުޅުނު މެޗު ފެށިތާ އެއް މިނެޓާއި 22 ސިކުންތުގެ ތެރޭގައި އެ ޓީމަށް ލީޑްނަގައިދިނީ އެމީލް ފޯސްބާގް އެވެ. މިއީ ޔޫރޯގެ ތާރީޚުގައި ފެނިގެންދިޔަ ދެވަނަ އަށް އެންމެ އަވަސް ގޯލެވެ. މި މުބާރާތުގައި ޖެހި އެންމެ އަވަސް ގޯލަކީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގައި ގްރީސް ކޮޅަށް ރަޝިޔާގެ ޑިމިޓްރީ ކިރިޗެންކޯ ވައްދާލި ލަނޑެވެ. އޭނާ މި ގޯލްޖެހީ މެޗު ފެށިގެން އެއް މިނެޓާއި ހަތް ސިކުންތުންނެވެ.

ފުރަތަމަ ހާފުގައި ޕޮލެންޑަށް އެއްވަރުކޮށްދިނުމަށް އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އަށް ވަނީ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ބޮލުން ފޮނުވާލި ދެ ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސްވިޑެންގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ފޯސްބާގް އެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް ޑޭޔަން ކުލުސެވްސްކީ އަމިއްލަ ހާފުގެ ތެރެއިން ހިފައިގެންދިޔަ ބޯޅައެއް ޕޮލެންޑްގެ ޕެނަލްޓީއޭރިޔާތެރެއިން ފޯސްބާގް އަށް ދިނުމުން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. އަދި އެ ޓީމަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ.

އޭގެ ދެ މިނެޓުފަހުން، ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ އެ ޓީމުގެ ޕިއޮޓްރޭ ޒިއެލިންސްކީ ދިން ބޯޅައަކުން ލެވަންޑޯސްކީ ޕެނަލްޓީއޭރިޔާގެ ރޮނގުމަތިން ފޮނުވާލި ހަމަލާއަކުން ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލެވަންޑޯސްކީ ވަނީ ޕޮލެންޑަށް އެއްވަރުކޮށްދީފައެވެ. މެޗުގެ އިތުރުވަގުތުގައި ސްވިޑެން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ވިކްޓަ ކްލާސަން ކާމިޔާބުކުރި ގޯލުންނެވެ.

މި މުބާރާތުގައި މިރޭ ސެވީލްގެ ލަ ކަރްޓޫހާ ސްޓޭޑިއަމްގައި ސްލޮވާކިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދޭން މޮރާޓާ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ކޯކޭ އަށް ސްލޮވާކިއާގެ ރޮމާޑާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މޮރާޓާ ފޮނުވާލުމުން ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ މަތަކުރިއެވެ. މިއީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ.

އެކަމަކު، މެޗުގެ 30 ވަނަ މިނެޓުގައި ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ސްޕެއިނުން ވަނީ ލީޑްނަގާފައެވެ. މިއީ ސްޕެއިނުގެ ޕަބްލޯ ސަރާބިއާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ މަތަކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ވަތް ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސްޕެއިނުގެ ދެވަނަ ލަނޑުޖަހައިދިނީ އައިމެރިކް ލަޕޯޓް އެވެ. މިއީ އެ ޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލަޕޯޓް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ސްޕެއިނުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސަރާބިއާ އެވެ. މިއީ އެ ޓީމުގެ ފުލްބެކް ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ސަރާބިއާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފެރާން ޓޮރޭސް ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، ސްޕެއިނުން ކާމިޔާބުކުރި ފަސްވަނަ ގޯލަކީ ސްލޮވާކިއާގެ ޖޫރާޖް ކުޗްކާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.