ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ގްރޫޕް އެފް ގައި ކުޅުނު މެޗުތަކަށްފަހު ފްރާންސާއި ޖަރުމަނު އަދި ޕޯޗުގަލް އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ފްރާންސުން 2-2 އިން ޕޯޗުގަލްއާ އެއްވަރުވިއިރު، ޖަރުމަނުގެ ދަނޑުގައި ހަންގޭރީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު ވެސް ނިމުނީ ހަމަ އެ ނަތީޖާއިންނެވެ.

ގްރޫޕް ސްޓޭޖުގައި މިރޭ ކުޅުނު މެޗުތަކަށްފަހު ފްރާންސުން ގްރޫޕުގެ އެއްވަނަ ހޯދީ ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ޖަރުމަނާއި، ތިންވަނައިގައި އޮތް ޕޯޗުގަލް އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ޖަރުމަނަށް ދެވަނަ ލިބެނީ ދެ ޓީމުގެ ދެމެދުގައި ކުޅުނު މެޗުގެ ނަތީޖާއިން އެ ޓީމަށް ކުރިލިބުމުންނެވެ. އެންމެ ފުލުގައި އޮވެ ގްރޫޕް ސްޓޭޖު ނިންމާލި ހަންގޭރީ އަށް ލިބުނީ އެއް ޕޮއިންޓެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި މިރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ޕޯޗުގަލުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ޑަނީލޯ ޕެރޭރާ އަށް ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ފްރާންސަށް އެއްވަރުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ޕޯޗުގަލްގެ ނެލްސަން ސެމޭޑޯ، ޕެނަލްޓީއޭރިޔާތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ފްރާންސަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ވެސް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ދިން ހިތްގައިމު ޕާހަކުން ބެންޒެމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. ރެފްރީ މިލަނޑު ގަބޫލުކުރީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.

ޕޯޗުގަލް އިން އެއްވަރުކުރީ މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ބޯޅައިގައި އަތް ލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ގޯލަކީ ޔޫރޯގެ ތާރީޚުގައި ރޮނާލްޑޯ ޖެހި 13 ވަނަ ލަނޑެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ އަލީ ދާއީގެ ރެކޯޑާ އެއްވަރުކޮށްފައެވެ.

ޕޯޗުގަލް އިން އެއްވަރުކުރި ފަހުން ފްރާންސަށް މި މެޗުން ތިން ޕޮއިންޓް ހޯދައިދިނުމަށް އެ ޓީމުގެ މިޑްފީލްޑަރު ޕޮގްބާ އާއި އެންޓޮއިން ގްރީޒްމަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އެވެ.

މިރޭގެ މެޗުގައި ފްރާންސް ކޮޅަށް ވައްދާލި ދެ ލަނޑާއެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިގެން އީރާންގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އީރާންގެ ގައުމީ ޓީމަށް ކުޅެދިން 149 މެޗުގައި 109 ލަނޑުޖަހައިގެން އަލީ ދާއީ ހަދާފައިވާ ރެކޯޑާ ރޮނާލްޑޯ އެއްވަރުކުރީ 177 މެޗުންނެވެ.

މި މުބާރާތުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ޖަރުމަނުން ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފެށިގެން 11 ވަނަ މިނެޓުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް ހަންގޭރީ އިންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ އެޑަމް ސަލާއީ އެވެ. ޖަރުމަނުން އެއްވަރުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 66 ވަނަ މިނެޓުގައި ޗެލްސީގެ މިޑްފީލްޑަރު ކާއީ ހަވާޓްޒް ވައްދާލި ލަނޑުންނެވެ.

ޖަރުމަނުން އެއްވަރުކުރިތާ ދެ މިނެޓު ފަހުން، ހަންގޭރީގެ އަންދްރެއަސް ޝައެފާ ވަނީ އެ ޓީމަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. މިއީ ޖަރުމަނުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހަންގޭރީގެ ކެޕްޓަން ސަލާއީ ދިން ބޯޅައަކުން ޝައެފާ ކާމިޔާބުކުރި ގޯލެކެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޖަރުމަނަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބަޔާން މިއުނިކްގެ މިޑްފީލްޑަރު ލެއޮން ގޮރެޓްޒްކާ އެވެ.