މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ރޭ ނިންމާލިއިރު، މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ވަރުގަދަ ޓީމުތަކެއް ބައްދަލުކުރާން ޖެހިއްޖެއެވެ.

ގަދަ 16 ގެ ބުރުގައި ކުޅެވޭ އެންމެ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ފީފާ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމް ބައްދަލުކުރާ މެޗާއި، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ޖަރުމަނުން ވާދަވެރި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު ހިމެނެއެވެ.

ދެވަނަ ބުރުގައި ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު، މި އަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޓަލީ އިން އޮސްޓްރިއާ އާ ދެކޮޅަށް ނިކުންނައިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ޔޫރޯގެ ޗެމްޕިއަން ތިން ފަހަރު ހޯދާފައިވާ ސްޕެއިން ނިކުންނައިރު، 1988 ވަނަ އަހަރުގެ ޗެމްޕިއަން ނެދަލެންޑްސް ނިކުންނާނީ މީގެ 25 އަހަރު ކުރީން މި މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވި ޗެކް ރިޕަބްލިކާ ދެކޮޅަށެވެ.

ޕޯޗުގަލްއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

މި ފަހަރުގެ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ވާދަކުރާނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ މަގާމު ހާސިލްކުރާ ޓީމާއި، ދެވަނަ އަށް ދާ ޓީމުގެ އިތުރުން ހަ ގްރޫޕުގެ ތެރެއިން ތިންވަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ ޓީމުތަކާއެކު ޖުމްލަ 16 ޓީމެވެ.

ގްރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުން ޖާގަ ހޯދީ ޓީމުތަކަކީ ޔޫކްރޭންގެ އިތުރުން ޕޯޗުގަލް އާއި ސްވިޒަލޭންޑް އަދި ޗެކް ރިޕަބްލިކް އެވެ.

ގަދަ 16 ގެ ބުރުގައި ކުޅޭ މެޗުތައް:

ވޭލްސް - ޑެންމާކް

އިޓަލީ - އޮސްޓްރިއާ

ނެދަލެންޑްސް - ޗެކް ރިޕަބްލިކް

ބެލްޖިއަމް - ޕޯޗުގަލް

ކްރޮއޭޝިއާ - ސްޕެއިން

ފްރާންސް - ސްވިޒަލޭންޑް

އިންގްލެންޑް - ޖާމަނީ

ސްވިޑެން - ޔޫކްރޭން