ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި އިތުރުވަގުތުގައި ވައްދާލި ލަނޑުތަކާއެކު ކްރޮއޭޝިއާ 5-3 އިން ބަލިކޮށް ސްޕެއިނުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މި މެޗުގައި ޖެހި ފަސް ގޯލާއެކު ސްޕެއިނުން ވަނީ ޔޫރޯގެ ތާރީޚުގައި ޖެހިޖެހިގެން ދެ މެޗުގައި މި އަދަދަށް ލަނޑުޖެހި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފައެވެ.
މި މެޗަށް ނިކުތްއިރު ކްރޮއޭޝިއާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ފޯވާޑްލައިންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ނުކުޅެވުމެވެ. އަދި އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޑޭޔަން ލޮވްރެން ވެސް މިރޭގެ މެޗުގައި ނުކުޅެއެވެ.
ޑެންމާކުގެ ކޯޕަންހޭގަންގައި ހުންނަ ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ހީކުރި ގޮތާ ހިލާފަށް ކުރީން ލީޑްނެގީ ކްރޮއޭޝިއާ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުން ޖެހި މި ގޯލަކީ ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ހާފުގެ މެދަކާ ހަމައިން ޕެޑްރީ އެ ޓީމުގެ ކީޕަރު އުނާއި ސިމޯން އަށް ޖައްސާލި ބޯޅައިގައި އޭނާ އަށް ރަނގަޅަށް ޖެހޭގޮތްނުވެ އެ ބޯޅަ ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
ސްޕެއިނުން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ. މިއީ އެ ޓީމުގެ ހޯސޭ ގަޔާ ފޮނުވާލި ބޯޅައެއް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސަރާބިއާ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ސްޕެއިނަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ސެޒާ އަޒްޕިލިކުއޭޓާ އެވެ. އަދި އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ފެރާން ޓޮރޭޒް ވަނީ ސްޕެއިނަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. ނަމަވެސް، ކްރޮއޭޝިއާ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން މިސްލާވް އޯރްސިޗް އާއި މާރިއޯ ޕަސަލިޗް ކާމިޔާބުކުރި ލަނޑުތަކާއެކު އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސްޕެއިނުން ވަނީ ތިން މިނެޓުގެ ތެރޭގައި ދެލަނޑުޖަހައި މޮޅު ޔަގީންކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު، މެޗުގެ 100 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން މިކޭލް އޮޔާޒަބާލް ވަނީ ނަތީޖާ 5-3 އަށް ބަދަލުކޮށްލާފައެވެ. މި ދެލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޑެނީ އޮލްމޯ އެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން ކުޅެން ޖެހޭނީ މިރޭ ދެވަނަ ބުރުގައި ސްވިޒަލެންޑާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން