މޭވާއާއި ތަރުކާރީގެ ބައެއް ވައްތަރުތަކަކީ ދިވެހި ފަސްގަނޑުގައި ހައްދަން އުނދަގޫ ތަކެއްޗެވެ. އެގޮތުން ބްލެކްބެރީސް އަކީވެސް މިފަދަ މޭވާއެކެވެ. ބޮނޑިވަރަކަށް ހުންނަ، ފުއްލީ ކުދި އޮށްތަކެއް އެކުވެގެން އެކަތިގަނޑެއް ގޮތަށް ފެންނަން ހުންނަ މި ކުޑަ ކުޑަ މޭވާއަކީ އޭގެ ޅައިރުގައި ރަތްކުލައިގާ ހުރުމަށްފަހު، ދޮންވުމުން ކަޅު ކުލައަކަށް ބަދަލުވާ މޭވާއެކެވެ. މިއަށް ބްލެކްބެރީ އޭ ކިޔުނީ މިހެންވެގެން ކަމުގައި ބުނެވެއެވެ.

އަނގަޔަށް މީރު، މަޑު ފޮނި ހުތް ރަހައެއް އެކުލެވިގެންވާ މި މޭވާ އަކީ ސިއްހަތަށްވެސް ފައިދާހުރި މޭވާ އެކެވެ. އެގޮތުން ބްލެކްބެރީސް އަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާ މޭވާ އެކެވެ. ވިޓަމިން ސީ އަކީ ކަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ހަރުދަނާކޮށްދިނުމަށް އެހީތެރިވެދޭ އަސާސީ އެއް މާއްދާއެވެ. 

ހަޖަމުގެ ނިޒާމު ތަރުތީބުކޮށް ހަރުދަނާ ކޮށްދިނުމަށް ބޭނުންވާ އަސާސީ މާއްދާކަމުގައިވާ ފައިބަރަކީވެސް ބްލެކްބެރީސްގައި ގިނަ އަދަދަކަށް އެކުލެވިގެންވާ މާއްދާއެކެވެ. ފައިބަރުގެ ސަބަބުން ހަޖަމަށް ފަސޭހަވެ، ވައިގެ އުނދަގޫތަކުން ދުރުވެ، ބަނޑުހިކުންފަދަ ކަންކަމުން ދުރުވުމަށް އެހީތެރިވެދޭނެއެވެ.

ވިޓަމިން ކޭ އަކީވެސް ބްލެކްބެރީސް ގައި ގިނައިން ހުންނަ މާއްދާއެކެވެ. މިއީ ލޭމަނާކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އެހެންކަމުން ދިރާސާވެރިން ފާހަގަ ކުރާގޮތުގައި އަންހެނުންގެ މައްސަރު ދުވަސްވަރު، ގިނައިން ލޭ އަންނަ ނަމަ، ބްލެކްބެރީ ޖޫސް ފަދަ ބުއިމެއް ބޭނުންކުރުން ރަނގަޅުވާނެއެވެ.

ގިނަ އަދަދެއްގެ ބެރީސް ތަކުގައި އެންޓިއޮކްސިޑަންޓްސް ހުންނަ ފަދައިން ބްލެކްބެރީ ގައިވެސް ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް ހުރެއެވެ. މިއީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮަށްދިނުމަށް އެހީތެރިވެދޭ މުހިއްމު މާއްދެކެވެ. ޑިޓޮކްސް ފެން ތައްޔާރު ކުރުމަށްވެސް ބްލެކްބެރީސް ބޭނުން ކުރެވިދާނެއެވެ.

 

ހަވާލާ: ހެލްތް ލައިން - 2022