މިދިލިގަހުގައި އަޅާ ވައް، އޭގެ ޅައިރުގައި އެއަށް ގޮބޭ ކިޔައެވެ. ދޮންވުމުން "ކަނަ" އޭ ކިޔައެވެ. އަދި އެ "ކަނަ" ދޮންވެ ހިކުމުން އެ "ކަނަ" އަށް މަދޭ ކިޔައެވެ. ދެން އެ ފަޅާލާ އޭގެ ތެރެއިން ނަގާ މަދުގެ އޮށަށް މިދިލި މަދޭ ކިޔައެވެ. ގޮބަކީވެސް، ކަނައަކީވެސް އަދި މަދަކީވެސް ކެއުމަށް ބޭނުން ކުރާ އެއްޗެއްސެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ގޮބުން ލިބޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.

އިސްވެ ބުނެވުނު ފަދައިން ގޮބަކީ މިދިލި ގަހުގައި އަޅާ ވަކުގެ ޅަ ވަކަށް ކިޔާ ނަމެކެވެ. އެހެންކަމުން ގޮބުގައި ހުންނާނީ ފެހި ކުލައެކެވެ. މިއީ މާ ގަދަ ފޮނި ރަހައެއް ހުންނަ އެއްޗެއް ކަމުގައި ނުވެއެވެ. ގޮބުގައި އާއްމުކޮށް ލާނީ ހިތި ހުތް ރަހައެކެވެ. ބައެއް ގޮބުގައި ކިހަށް ރަހަވެސް ލާފާނެއެވެ. މަޑުމަޑު ފޮނި ރަހައެއްވެސް ހުރެދާނެއެވެ.

ގޮބަކީ އެހެން "ވަލު މޭވާ" / "ވައިލްޑް ފްރުޓްސް" ތަކެކޭ އެއްފަދައިން އޭގައިވެސް ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވޭ މޭވާ އެކެވެ. އެހެންކަމުން މިއީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދީ ހަށިގަނޑު "ޑިޓޮކްސް" ކޮށްދޭން އެހީތެރިވެދޭނެ މޭވާ އެކެވެ. އަދި ހަށިގަނޑުގައި ހުންނަ އެކިކަހަލަ އިންފެކްޝަންތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކޮށް ވަރުފަދަ ކުރުމަށްވެސް ގޮބުގެ ސަބަބުން އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

ގޮބުގެ އެއްމެ ހާއްސަ އެއް ކަމަކީ މިއީ ފޯލިކް އެސިޑުން މުއްސަނދި ވެފައިވާ މޭވާއެއް ކަމުގައި ވުމެވެ. ގޮބުގައި ހުންނަ އެކިކަލަ ވިޓަމިން ތަކުގެ ތެރެއިން އެއްމެ ގިނައިން ހުންނަ އެއް ވިޓަމިނަކީ ފޯލިކް އެސިޑެވެ. މިއީ ދަގަނޑުގެ މާއްދާއެކެވެ. އެހެންކަމުން މިއީ ލޭގެ އެކި އެކި ބަލިތައް ހުންނަ މީހުންނަށާއި، އަދި ހާއްސަކޮށް މާބަނޑު އަންހެނުން މާބަނޑު ދުވަސްވަރު ކެއުން ރަނގަޅު މޭވާއެކެވެ. (ސިލްވިއާ، 2022)

ފައިބަރަކީ ހަޖަމުގެ ނިޒާމަށް މޮޅު މާއްދާއެކެވެ. ގޮބަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭ މޭވާއެކެވެ. ހާއްސަކޮށް ތަންކޮޅެއް ހަރު ގޮބުގައެވެ. ނަރުލީ ގޮބުގައެވެ. ފައިބަރުގެ ސަބަބުން ބަނޑު ހިކުން ފަދަ ހަޖަމުގެ އުނަދގޫތައް ނައްތާލާ ހަޖަމަށް ފަސޭހަ ކޮށްދޭނެއެވެ. އެހެންކަމުން ގޮބަކީ ބަނޑުހިކުމުން ދުރުކޮށްދޭނެ މޮޅު މޭވާ އެކެވެ. މާބަނޑު ދުވަސްވަރު އަންހެނުންނަަށް ދިމައިވާ ބޮޑު އެއް އުނދަގުލަކީ ބަނޑު ހިކުމުގެ އުނދަގުލެވެ. އެހެންކަމުން މިއީ އެ ދުވަސްވަރުގައި ކެއުން ހަމަ ރަނގަޅު މޭވާ އެކެވެ.

އަދިވެސް އަދިވެސް ކިތައްމެ ފައިދާއެއް ގޮބުން ލިބިދެއެވެ. މި ބަލާލެވުނީ އެއްމެ އަސާސީ ވަރުގަދަ ހެކިތައް ހުރި ކަންކަމުގެ މައްޗަށެވެ. މިފަދަ "ވަލު މޭވާ" ތަކަކީ އޭގައި އިންސާނުންނަށް އެތައް ފައިދާތަކެއް ވާ މޭވާ ތަކެކެވެ. އެއްވެސް ބޭހެއް ކެމިލަކެއް މި ގޮބުތައް ހައްދަން ބޭނުމެއް ނުކުރާނެއެވެ. ގުދުރަތީ ފުރިހަމަ ކަމާއި އެކު ހާލިސް ކަމާއެކު އުފެދި ފައްކާވެފައިވާ މި ގޮބުތަކަކީ އަހަރެމެންގެ ރަށްފުށުގެ ހޭޅިތަކުގައި ލިބެން ހުންނަ މޭވާ އެކެވެ. ގޮބު ތަޅަން (މިދިލި ގަހަށް ގަޅި އުކައިގެން ގޮބު ބިންނަން) މާބަނޑު އަންހެނުން ދާ ވާހަކަ އަކީ ޒަމާނުއްސުރެ ދައްކާ ވާހަކައެކެވެ. މި ލިޔުން ކިޔާލުމުން ގޮބު ތަޅަން މާބަނޑު އަންހެނުން ހިނގައިދާނޭ ކަން އެބަ އެނގެއެވެ.

 

ހަވާލާ: ސިލްވިއާ - ހެލްތް ބެނެފިޓްސް ޓައިމްސް - 2022