ދޮންކޭލަކީ އަނގައަށް މީރު ކާނާއެއްގެ އިތުރުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާ، އަދި ގިނަބައެއްގެ މެދުގައި މަޝްހޫރު މޭވާއެކެވެ. އެއީ އިންސާނާގެ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ނިއުޓްރިއެންޓްސް އިން ފުރިފައިވާ މޭވާއެއް ކަމުން އެއީ ކެއުމަށް ރަނގަޅު އަދި މުހިއްމު މޭވާއެކެވެ. އެގޮތުން ދޮންކޭލުގައި ހުންނަ ބައެއް ސިއްހީ ފައިދާތަކަށް ބަލާލާނަމެވެ.

. ޕޮޓޭސިއަމް އިން މުއްސަނދިވުން : ދޮންކޭލަކީ ލޭގެ ޕްރެޝަރު ރެގިއުލޭޓްކޮށް ހިތުގެ މަސައްކަތްތައް ރަނގަޅަށް ދެމެހެއްޓުމަށް އެހީތެރިވެދޭ މައުދަނެއް ކަމަށްވާ ޕޮޓޭސިއަމްގެ އެންމެ ގިނައިން ލިބިދޭ އެއް މޭވާއެވެ.

. ފައިބަރު ގިނަވުން: މިއީ ޑައިޓޭރިއަން ފައިބަރު ގިނަ މޭވާއެއްކަމުން ހަޖަމުކުރުމަށް އެހީތެރިވެދީ، ފާހަނާކުރުމަށް ފަސޭހަކޮށްދިނުމަށް އެހީތެރި ވެދޭނެއެވެ. އެހެންކަމުން ހަޖަމުގެ އެކި އެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް މިއީ މޮޅު، އަދި ލުއި މޭވާއެކެވެ. މިކަމުގައި ބައެއް ފަރާތްތަކަށް ދޮންކެޔޮ ނުގުޅި ހުރެދާނެއެވެ. އެފަދަ ފަރާތްތަކުގެ ބަނޑު ހިކޭ ގޮތްވެސް ވެއެވެ. ނަމަވެސް މިއީ މަދު ބައެކެވެ. މިހެން ދިމައިވަމީ ދޮންކޭލުގައި ހުންނަ ޕޮޓޭސިއަމްގެ މާއްދާއަށް، ހަޖަމުގެ ނިޒާމު ޖަވާބުދޭލެއް ބޮޑުކަމުންނެވެ.

. ވިޓަމިން ގިނަވުން: ދޮންކޭލުގައި ވިޓަމިން ސީ، ބީ6، އަދި ފޮލެޓް ފަދަ ވިޓަމިންތަކުގެ އިތުރުން މެންގަނީޒް އަދި މެގްނީޒިއަމް ފަދަ މުހިއްމު ވިޓަމިން ތަކާއި މިނަރަލްތައް ހިމެނެއެވެ.

. ހަކަތަ އިތުރުކުރުން: ދޮންކޭލުގައި ހިމެނޭ ގުދުރަތީ ހަކުރު ކަމަށްވާ ގްލޫކޯޒް، ފްރަކްޓޯޒް، އަދި ސުކްރޯޒް ފަދަ މާއްދާތަކުން އަވަސް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އިތުރުކޮށްދޭތީ، މިއީ ކަސްރަތު ނުވަތަ ބުރަ މަސައްކަތެއް ކުރުމުގެ ކުރިން ބޭނުންކުރަން ރަނގަޅު ކާނާއެކެވެ.

. ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށްދިނުން: ދޮންކޭލުގައި ވެސް "ސެރޮޓޮނިންގެ" މާއްދާއެއް އެއް ކަމަށްވާ "ޓްރިޕްޓޯފަން" އެކުލެވިގެންވާއިރު، މިއީ މިޒާޖު ރަނގަޅުކޮށް ހާސްކަމާ ނުތަނަވަސްކަން ކުޑަކޮށްދިނުމަށް އެހީތެރިވެދޭ މުހިއްމު މާއްދާތަކެކެވެ.

ކެއުމުގައި ދޮންކެޔޮ ހިމެނުމަކީ ނުވަތަ ބޭނުން ކުރުމަކީ ޖުމްލަކޮށް ސިއްހަތު ރަނގަޅު ކުރުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. ފަހަރުގައި އަބަދު ދޮންކެޔޮ ކާން ނުލިބިދާނެއެވެ. ނަމަވެސް ލިބޭ އިރެއްގައި ކެވޭތޯ ބަލަން ވާނެއެވެ.