ބިންބި ބަކުން

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ބިންބި (މުގުރާފައި)

½ ޖޯޑު ކާށި ކިރު ނުވަތަ އާދަވެގެން ދަރިފުޅަށް ދޭ ދަޅުކިރު

މުގުރި ބިންބިފުށުގެ ތެރެއަށް ކިރުފޮދު އަޅާފައި ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު ހިހޫވުމުން ދަރިފުޅަށް ކާންދޭށެވެ.

 

ކައްޓަލަ ޕިއުރީ

ކައްޓަލަ މެށުމަށްފަހު 4 ފަޅިއަށް ފަޅާލުމަށްފަހު ކުޑަފެންފޮދެއްގައި (ކައްޓަލަ ކިރިޔާ ފޮރުވޭވަރަށް) ކައްކާލާށެވެ. އެއަށްފަހު ސަމުސަލުން ނުވަތަ އުލެއް ބޭނުންކޮށްގެން ޗަސްކޮށްލާށެވެ. ޗަސްކުރުމަށްޓަކާ ކެއްކި ފެންފޮދު ބޭނުންކުރެވިދާނެއެވެ.

ކައްޓަލަ އާއެކު އެއްކުރެވިދާނެ އެހެން ބާވަތްތަކަކީ އާފަލު، ޕީޗް، ގްރީން ޕީސް، ބަރަބޯ، ކުކުޅުމަސް، ޔޯގަޓް ފަދަ ތަކެއްޗެވެ.

 

މިކްސް ފުރުޓް

ބޭނުންވާ ތަކެތި:

½ އާފަލެއް

1 ވަށް ދޮންކެޔޮ

½ އޮރެންޖު (ފޮނި)

މި ތަކެތި ރަނގަޅަށް ދޮވެލުމަށްފަހު މިކްސަރުން ރަނގަޅަށް އެއްކޮށްލާފައި ދޭށެވެ.


 

ދޮންކެޔޮ ޏަމްޏަމް

ބޭނުންވާ ތަކެތި:

¼ ފަޅޯ

½ ދޮންކެޔޮ

1 ނުވަތަ 2 މޭޒުމަތީ ސަމުސާ ކިރު

ދޮންކެޔޮ ކޮޅާއި ފަޅޯ ކޮޅު އެއްކޮށް ޗަސްކޮށްލާފައި ކިރު ކޮޅާ އެއްކޮށްލާށެވެ. ފަޅޮލުގެ ބަދަލުގައި އަލުވި ކޮޅެއް ނުވަތަ އެވޮކާޑޯ ވެސް ބޭނުންކުރެވިދާނެ އެވެ.

 

ތަރުކާރީ ބަތް

ބޭނުންވާ ތަކެތި:

2 ސަމުސާ ހަނޑޫ

ކުޑަ ކެރެޓް ކޮޅެއް

1 ސަމުސާ ރީނދޫ މުގު

2 ތޮޅި

ހަނޑޫ ކޮޅާއި މުގު ކޮޅު މަޑުވާން ކައިރިވުމުން ކެރެޓް ކޮޅާއި ތޮޅި ކޮޅު އެއްކޮށްލާ ކެއްކުމަށްފަހު ގަރުދިޔަ (ލޮނުނުލާ ކައްކާފައިވާ) އަދި މަސްކޮޅަކާއެކު މިކްސަރަށް އަޅާ އޮލަކޮށް ގިރާލުމަށް ފަހު ދަރިފުޅަށް ކާންދޭށެވެ.

ތަރުކާރީ ބަތް ތަފާތު އެކި ތަރުކާރީ، މުގު އަދި މަސް ނުވަތަ ބިސް ހިމަނައިގެންވެސް ހެދިދާނެއެވެ.

 

މިއީ، "ދަރިފުޅުގެ އުމުރުން 6 މަސް ފުރުމުން އިތުރުކާނާ ތަޢާރަފުކުރުން." މި ފޮތުގައި ހިމެނޭ ތުއްތު ދަރިފުޅަށް ދިނުމަށް ތައްޔާރު ކުރެވިދާނެ ބައެއް ކާނާ! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.