ތަފާތު އެކި ގައުމު ތަކަށް ނިސްބަތްވާ ކެއުންތައް ކެއުމަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކަމެކެވެ. ހާއްސަކޮށް ތައި ސްޓައިލްގެ ކެއުން ތަކެވެ.

 

ބޭނުންވާ ތަކެތި: 

 • 3 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގައި)

 • 2 ޖޯޑު  ބޯންލެސް ކުކުޅު (ކޮށާފައި)

 • 1 ޖޯޑު ކެޖޫނަޓް (ހަނާ ކޮށްފައި)

 • 1 ފިޔާ (ކުދިކޮށް ކޮށާފައި)

 • 6 ލޮނުމިދު (ކުދިކޮށް ކޮށާފައި)

 • 1 ސައިސަމުސާ އިނގުރު (ގާނާފައި)

 • 1 ބޮޑު ރަތް މިރުސް ( ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި)

 • 3 ތައި ރަތް މިރުސް (ކޮށާފައި)

 • 1 ލެމަންގްރާސް (ކޮށާފައި)

 • 5 ތައި ލިނބޯ ފަތް (ކޮށާފައި)

 • 10 ތައި ބެސިލް ފަތް (ކޮށާފައި)

 • ބައި ސަމުސާ މުގުރި އަސޭމިރުސް

 • އޮލިވް އޮއިލް ތެޔޮ ފޮދެއް

 • 1/2 މޭޒުމަތީ ސަމުސާ ތައި ފިޝް ސޯސް

 • 1/2 މޭޒުމަތީ ސަމުސާ  ސޯޔާ ސޯސް

 • 1/2 މޭޒުމަތީ ސަމުސާ  އޮއިސްޓާ ސޯސް

 • 1/2 ކުކުޅު ސްޓޮކް

 

ތައްޔާރުކުރާނެ ގޮތް:

ތެއްޔެއްގައި އޮލިވް އޮއިލް އެޅުމަށް ފަހު ފިޔާ، ލޮނުމިދު، އިނގުރު، ލެމަންގްރާސް އަދި ތައިމިރުސް މޯޅި ކޮށްލާށެވެ. އެއަށްފަހު ކުކުޅުކޮޅު އަޅައިގެން ކުޑަކޮށް މުރަނަ ކޮށްލާށެވެ. ދެން ކޮށާފައިހުރި ބޮޑު މިރުސް އަދި ލިނބޯ ފަތް އެއްކޮށްލުމަށްފަހު ހުރިހާ ސޯސް އަދި އަސޭމިރުސް އާއި ކުކުޅު ސްްޓޮކް އަޅައިގެން އެއްކޮށްލާށެވެ. އެއަށް ފަހު ކައްކާފައި ހުރި ބަތްކޮޅު އެޅުމަށްފަހު މަޑު ގިނީގައި 10 މިނެޓް ކެއްކުމަށްފަހު ތައި ބެސިލް ފަތް އަދި ހަނާކޮށްފައިހުރި ކެޖޫނަޓް ކޮޅު އަޅާފައި އެއްކޮށްލުމަށް ފަހު އުނދުން މަތިން ބާލާށެވެ.

 

ތައި ފަޅޯ ސެލެޑް އާއި އެއްކޮށް މި ރައިސް ވަރަށް މީރު ވާނެއެވެ. މިއީ ހުކުރު ދުވަހުގެ މެންދުރަށް ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ކެއުމެކެވެ.