ލަންޑަންގެ ސްމާޓް ޑެންޓަލް އެންޑް އެސްތެޓިކްސްގައި މަސައްކަތް ކުރަމުން އަންނަ ޑރ. ޝާދީ މަނޫޗެހްރީ ޓިކްޓޮކް ވީޑިއޯއެއްގައި ވަނީ އަނގައިން ނުބައިވަސް ދުވާނަމަ ހަދަންވީ 3 ގޮތެއްބުނެދީފައެވެ.

ޑރ. ޝާދީ ވިދާޅުވާ ގޮތުގައި އަނގައިން ނުބައިވަސް ދުވުމަކީ ހުރިހާ އެންމެނަށްވެސް ބައެއް ފަހަރު ދިމާވާ ކަމެކެވެ. އަދި ގިނަ ފަހަރު ކައިރީގައި އުޅޭ މީހުން ތިބާ ދެކެލޯބިވާތީވެއާއި ލަދު ގަންނަވާލަން ބޭނުން ނުވާތީވެ އަނގައިން ނުބައިވަސް ދުވިޔަސް އެވާހަކައެއް ނުބުނެއެވެ. 

ޑރ. ޝާދީގެ ވީޑިއޯގައި ބުނާ ގޮތުގައި އަނގައިން ނުބައިވަސް ދުވުމަކީ ދަތް އުނގުޅުމާއި މާ ބޮޑަކަށް ގުޅިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ގަވާއިދުން ދަތް އުނގުޅުމަކީ މުހިންމު ކަމެއްކަމާއި ދަތް އުނގުޅުމުގެ އިތުރުން ޑރ. ޝާދީ ވިދާޅުވާ އިތުރު 3 ކަންތައް ކުރާނަމަ އަނގައިން ނުބައި ވަހެއް ނުދުވާނެ ވާހަކަވެސް ބުނެފައިވެއެވެ. 

އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް ޑށ. ޝާދީ ވިދާޅުވަނީ ދޫ ސާފު ކުރުމަށެވެ. އަނގައިން ނުބައިވަސް ދުވާ ބެކްޓީރިއާއަކީ ގިނައިން ދުލުގައި ހުންނަ ބެކްޓީރިއާއެއް ކަމުން ދޫރަނގަޅަށް ސާފު ކުރާނަމަ ނުބައިވަސް ދުވުމުން ދުރުކޮއްދެއެވެ. ދޫ ސާފު ކުރުމަށް ޑރ. ޝާދީ އިރުޝާދު ދެއްވަނީ “ޓަންގް ސްކްރޭޕާރ” އެއް ބޭނުން ކޮށްގެނެވެ. ސަބަބަކީ ދަތް އުނގުޅާބުރުހުން އެންމެ އެކަށީގެންވާ ގޮތަށް ދޫ ސާފު ނުކުރެވޭތީއެވެ. 


ދެވަނަ ކަމަކަށް ޑރ. ޝާދީ ފާހަގަކޮށްލީ ގިނައިން ދިޔާ އެއްޗެހި ބުއިމެވެ. ޑީހައިޑްރޭޓް ވެފައި ހުންނަ ނަމަ އަނގައިގައި ސަލްފަރ ކޮމްޕައުންޑްސް އުފެދި އޭގެން ވަރަށް ނުބައިވަސް ދުވާނެއެވެ. ޑރ. ޝާދީ ދަންނަވާ ގޮތުގައި ބޮޑަށް މުހިންމީ އިރު އިރުކޮޅާ އަނގަ ތެންމާލުމެވެ. މީގެ އިތުރުން ޑރ. ޝާދީގެ ވީޑިއޯގައި ކޮފީ، ސައި އަދި ސިނގިރޭޓު ފަދަ އެއްޗެހި ބޯނަމަ އަނގައިންނުބައިވަސް ދުވުމުގެ ފުރުސަފު ބޮޑު ކަމަށް ދަންނަވާފައިވެއެވެ. ކޮފީ އަދި ސައި ބޯނަމަ އެއާއި އެއްވަރަށް ފެން ބުއިމަށް އިރުޝާދު ދެއްވައެވެ. 


އެންމެ ފަހު ކަމަކަށް ޑރ. ޝާދީ ދަންނަވާފައި ވަނީ ފްލޮސް ކުރުމަށެވެ. ހަމަ އެކަނި ދަތް އުނގުޅާފައި ފްލޮސް ނުކުރާނަމަ ކާއެއްޗެހި އިތުރަށް ދަތުގެ ދޭތެރޭގައި ހަރުލުން އެކަށީގެން ވެއެވެ. ޑރ. ޝާދީ އިރުޝާދު ދެއްވަނީ މަދުވެގެން ދުވާލަކު އެއްފަހަރު ނުވަތަ ދެފަރު ފްލޮސް ކުރުމަށެވެ.

ޑރ. ޝާދީގެ މި އިރުޝާދުތަކާއި އެއްގޮތަށް ކަންތައް ކޮށްފިނަމަ އަނގައިން ނުބައިވަސް ނުދުވާނެ ކަމުގެ ޔަގީންކަން ޑރ. ޝާދީ ދެއްވައެވެ.