މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރާއިރު އެބައިމީހުންގެ ތެރޭ 3 ހާލެއްގެ ބަޔަކު އުޅެއެވެ.

ފުރަތަމަ ބަޔަކީ އުނދަގޫކަމާ އެކު ނޫނީ އެ މަހާ ކުރިމަތިނުލާ މީހުންނެވެ. އެ މީހުން ތިބެނީ ކުރިމަތިވަމުން އަންނަ މައްސަރުގެ ބުރަކަމާއި ބޮޑުކަން ހިތް މައްޗަށް ގެނެސް ސިކުނޑި ތަކުލީފުން ފުރައިގެންނެވެ. ކެއިންބުއިމާ ދުރުވުން އެއީ ކުރެވޭވަރު ކަމެއް ކަމުގައި އެ މީހުން ނުދެކެއެވެ. ޝަހުވަތްތަކާއި ފާފަތައް ދޫކޮށްލަން ނޭދެއެވެ. ހަޑިހުތުރު ބަސްތަކާއި އާޑަފުރައްސާރަ ކުރުމާ އެކަހެރިވެ ތިބުމަށް ނުރުހެއެވެ.

ރަމަޟާން މަސް ފެށިއްޖެ ނަމަ އެ މަހުގެ ދުވަސްތައް ނުނިމިގެން، ވަގުތު ދިގުވެގެން އެ މީހުން އުޅެއެވެ. އެ މަހުގެ ކޮންމެ ދުވަހަކީ އެ ފަދަ މީހުންނަށް ބޮޑުވެގެންވާ ބުރައެކެވެ. މުޖުތަމަޢުގެ އެހެން އަފުރާދުންނާ އިދިކީލިވެވެން ނޯންނާތީ މަޑުން ތިބެނީއެވެ. އެ މީހުންނަށް ރޯދަމަހުގެ ބަރަކާތުން ލިބޭނީ ވަރަށް މަދު މިންވަރެކެވެ.

ދެވަނަ ވައްތަރުގެ ބަޔަކީ ރަމަޟާން މަސް އައުމެކޭ ނައުމެކޭ ދީނީ ގޮތުން މާބޮޑު ތަފާތެއް ގެންގުޅޭ ބައެއް ނޫނެވެ. އެ މީހުންގެ އާންމު ދިރިއުޅުމުގައި ލުއިފަސޭހަކަމާ އެކު އުޅެމުން އަންނަ ބައެކެވެ. ދީނީ ކަންކަން ވެސް ހަމަ އެ ބީދައިންނެވެ. ރޯދަހިފާ ދުވަހެއް ބައްދަލު ވެއްޖެއްޔާ ރޯދަ ހިފަނީއެވެ. ނުހިފާ ދޫކޮށްލެވެން އޮތިއްޔާ އެ ގޮތް ވެސް އެންމެ ރަނގަޅެވެ. ނަމާދު ވަގުތު ވަނުމުން ނަމާދު ވެސް ކުރާނެ އެވެ. އެހެން ކަމެއް ދިމާވެއްޖެއްޔާ ނަމާދު ފަސްކުރަމުން ގޮސް ނުކޮށް ދޫކޮށްލައި ވެސް ފާނެ އެވެ. ދީނީ އެއްވެސް ކަމަކަށް އެބައިމީހުން އިންކާރެއް ނުކުރާނެއެވެ. ދުނިޔަވީ ކަންކަމާ ދީނީ ކަންކަމާ ދެމެދު މާބޮޑު ފަރަގެއް ވެސް ނުގެންގުޅޭނެއެވެ.

ރަމަޟާން މަހާ ބައްދަލުކުރުމަށް ދުނިޔަވީ ބައެއް ކަންކަން ތަރައްޤީކޮށްލައި ހަދާނެވެ. ރޯދަމަހަކީ ކެއުމުގެ އިޙްތިފާލެއްކަމުގައި އެ މީހުން ދެކޭ ކަހަލައެވެ. ބަދިގެ ތަރައްޤީކުރުމާއި އައު ވައްތަރުވައްތަރުގެ ކާނާއަށް ފުރުޞަތު ފަހިކުރެއެވެ.

ތިންވަނަ ވައްތަރުގެ މީހުންނަކީ ރަމަޟާން މަހަށް އިސްތިޤްބާލުކުރާ މީހުންނެވެ. މުހިންމު ފަރާތަކަށް ތަހުނިޔާ ކިޔާ ފަދައިން އެ މަހަށް މަރުޙަބާ ކިޔާ މީހުންނެވެ. އެ މީހުން ތިބެނީ އެ މަސް ނައިސް ލަސްވެފައެވެ. އަންނާނެ ވަގުތެއްގެ އިންތިޒާރީގައި ދުވަސް ގުނަގުނައެވެ. އެ މަހާ ބައްދަލު ނުވެ މަރުވެދާނޭތީ ހިތާމަކޮށްކޮށެވެ. އިއްޔެއަކުމިއަދަކު ނޫނެވެ. ހައެއްކަ މަސް ކުރީއްސުރެ ދެކޭ ހުވަފެނަކީ އެއީއެވެ.

އެބައިމީހުން ރަމަޟާން މަސް ދެކެނީ މަދުން ނޫނީ ނުލިބޭ ފުރުޞަތެއްގެ ގޮތުގައެވެ. އަގުބޮޑު ޖަވާހިރެއް ކަމުގައެވެ. އެ މަހުގެ ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން ހޯދޭނެ ހުރިހާ ގޮތެއް ބަލައި އެކަމަށް ކުރިޔާލައި ތައްޔާރުވެއެވެ. ދުވާލުގެ ރޯދަޔާއި ރޭގަނޑުގެ ތަރާވީސްނަމާދާއި ރޭއަޅުކަމެވެ. އަދި މުޅި މަހުގެ ބަރަކާތާއި އަޖުރު ހޯދުމަށެވެ.

މި ތިން ހާލުގެ ތެރެއިން ތިބާ ރަމަޟާން މަހާ ބައްދަލުކުރާނީ ފަހެ ކޮން ހާލެއްގައިތޯއެވެ؟ މާދަމާގެ ކުރިން މިއަދު ގޮތެއް ނިންމާށެވެ!

(ރަމަޟާން މަހާ ބައްދަލުކުރާނީ ފަހެ ކޮން ހާލެއްގައިތޯ؟ - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 3، އަދަދު 12، ޞ.1 – 17 މާރިޗް 2023)