ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބެ، ދިރިއުޅުން ފުރިހަމަކުރަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. ދެ ދުނިޔޭގެ ސައާދަތާއި އުފާވެރިކަން ލިބިގަތުމުގެ އެންމެ ކާމިޔާބު ގޮތަކީވެސް ފުރިހަމަ ޞިއްޙަތެއް ލިބިގަތުމާއެކު، ގަދައަޅާ މަސައްކަތް ކުރުމެވެ.

މާތްﷲ މި ކާއިނާތުގައި ލެއްވިހައި މަޚްލޫޤުންގެ ހަޔާތަށް ޞިއްޙަތަކީ ކިހާ މުހިންމު ނިޢުމަތެއް ކަމާމެދު ޝައްކުކުރާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. މި މުހިންމު ނިޢުމަތް ލިބިގަތުމުގެ ގޮތުން އިންސާނާ، ސަމާލުކަން ދޭންޖެހޭ، ވަރަށް މުހިންމު ކަންތައްތަކެއްވެއެވެ. އޭގެތެރެއިން އެއްކަމަކީ، ކެއިންބުއިމުގައި މެދުމިންވުމެވެ.

ތިމާމެންގެ ޞިއްޙަތަށް ރައްކާތެރިވުމަށް ފަރުވާތެރިވާ މީހުންނަކީ، ފުދޭވަރަށްވުރެ ގިނައިން ކާ ބައެއް ނޫނެވެ. ކެއިންބުއިމުން އެފަދަ މީހުން ލިބިގަންނަ މިންވަރަކަށްވާނީ، ބުރަކަށި ތެދުކޮށްލެވޭ މިންވަރެވެ. އެބައިމީހުންގެ ޞިއްޙަތާއި ހަށިގަނޑުގެ ހަކަތައާއި ނަފްސުގެ މުރާލިކަން ލިބިދޭ މިންވަރެވެ. ކީރިތި ޤުރުއާންގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.   )وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ    ( ( އަލް އަޢްރާފް – 31) މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއްނުވެއެވެ."

ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކެއިންބުއިމުގެ އާދަތައް ވަކި ހަމައެއްގެ މަތިން ގެންދިއުމާމެދު ފަރުވާތެރިވުމަށް އިސްލާމީ އުންމަތުގެ އަހުލުވެރިންނަށް ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އިރުޝާދު ދެއްވާފައިވެއެވެ. އެހެނީ، ކެއިންބުއިމާ އިންސާނާގެ ޞިއްޙަތާއި ގުޅިފައިވަނީ، ހަށިގަނޑާއި ފުރާނާއާ ގުޅިފައިވާ މިންވަރަށެވެ. ޖިސްމާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ، ކާބޯތަކެތީގެ މައްޗަށާއި، މުރާލި ދިރިއުޅުމަކާއި ދިރިއުޅުމުގެ ރީތި އާދަތަކުގެ މައްޗަށެވެ.

ފުރިހަމަ ޞިއްޙަތެއްގައި ހަޔާތުގެ ދުވަސްތައް ހޭދަކުރަން ބޭނުންވާ މީހުންނަކީ ޖިސްމާއި ބުއްދިއަށް ގެއްލުންދެނިވި ތަކެތީން ދުރުހެލިވެގެން ތިބޭ ބައެކެވެ. އެހެންކަމަށްވުމާއެކު، މަސްތުވާ ތަކެއްޗާއި ރަލާއި ބުއްދި ފިލުވާލާ ހުރިހާ ތަކެތިން އެފަދަ މީހުން ދުރުހެލިވާނެ އެވެ. ހަމައެހެންމެ، ޞިއްޙަތަށް ސަމާލުވުމަށްޓަކައި އެފަދަ މީހުންނަކީ އަވަހަށް ނިދައި، ފަތިހާ ހޭލުމަށް އާދަވެފައިވާ ބައެކެވެ. މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ރާވާލާފައިވަނީ، ޖިސްމުގެ މުރާލިކަމަށް މަގުފަހިވާ ގޮތްގޮތަށެވެ. މިކަމަށް އިރުޝާދު ދެއްވާފައިވާ ކީރިތި ރަސޫލާގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ބާރުގަދަ މުޢުމިނުންނަކީ ﷲ ގެ ޙަޟްރަތުގައި ނިކަމެތި މުޢުމިނުންނަށްވުރެ ލޮބުވެތިވެގެންވާ ބަޔެކެވެ." އެހެންކަމަށްވުމާއެކު، މި އުންމަތުގެ ކޮންމެ ފަރުދަކުމެ، މަސައްކަތްކުރަންވީ، ފުރިހަމަ ޞިއްޙީ ނިޒާމަކަށް އަމަލުކުރުމާއެކު، ޖިސްމާނީ ބާރުގަދަކުރުމަށް ފަރުވާތެރިވާ މީހެއްކަމުގައި ވުމަށެވެ.

ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި މާތްﷲ ހަރާމް ކުރެއްވި ކަންކަމާއި ތަކެއްޗާއި ދުރުހެލިވާން ޖެހޭނެ އެވެ. ރޭގަނޑުގެ ގިނަވަގުތު ބޭކާރުގޮތުގައި ހޭލާ އުޅޭ ބައެއް ކަމުގައި ވެގެން ނުވާނެއެވެ.

 

("ދިރިއުޅުމުގެ ރީތި އާދަ އާއި ފުރިހަމަ ޞިއްޙަތު" – އިބްރާހިމް ޒަކަރިއްޔާ މޫސާ – ދީނުގެމަގު، އަހަރު 17، އަދަދު 7، ޞަފްހާ 2، 07 މާރިޗް 2003)