ދުނިޔޭގެ ޙަޔާތް ކޮންމެ ގޮތަކަށް ނިމިދިޔަޔަސް އާޚިރަތުގައި ހިސާބު ބެލެވޭނެތެވެ. އަދި ކޮންމެ މީހަކު ވެސް ކުޅަ ޢަމަލުތަކަށް، ފުރިހަމައަށް ބަދަލު ލިބޭނެތެވެ. އާލު ޢިމްރާނު ސޫރަތުގެ 185 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތްދުވަހުންނެވެ. 

އެ ދުވަހުގެ ހިސާބުކިތާބަކީ އެންމެ ޢަދުލުވެރި ހިސާބުކުރުމެވެ. އެއްވެސް މީހަކަށް އުނި ނުކުރެވޭ ހުއްޓެވެ. ބައެއް މީހުންނަށް އިތުރު ކުރެވޭނެތެވެ. އެއީ ހެޔޮ ޢަމަލު ކުޅަ މީހުންނަށް ޓަކައި މާތް ﷲ އިތުރުކޮށްދެއްވާ އިތުރުކޮށްދެއްވުމެވެ. ހެޔޮ ކޮންމެ ޢަމަލެއް ދިހަ ގުނައިން ފެށިގެން ގޮސް ހަތް ސަތޭކަ ގުނަޔާ ހަމައަށް އިތުރުކޮށްދެއްވުން އެއީ މާތް ﷲގެ ވަޢުދުފުޅެވެ. އެ އިލާހަކީ ވަޢުދުފުޅާ ޚިލާފުވެވޮޑިގަންނަވާ އިލާހެއް ނޫނެވެ. އަދި އިރާދަކުރެއްވި ކޮންމެ އަޅަކަށް ހަތް ސަތޭކަ ގުނައަށް ވުރެ ވެސް އިތުރު ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެއީ ޢަދުލުން ބޭރުވުމެއް ނޫނެވެ. އެއީ ރަޙުމަތާއި އޯގާވެރިކަމުގެ ތެރެއިން ދެއްވާ ދެއްވުމެވެ.

ހިސާބުކިތާބުގައި ޢަދުލުވެރި ގޮތަކީ ހަމަޔަށް ލިބުމެވެ. އުނިނުކުރުމެވެ. ދުނިޔޭގައި ގޯސްކޮށް އުޅުނު މީހުންނަށާއި ނުބައި ޢަމަލު ކުޅަ މީހުންނަށް އުނިކުރުމެއް ނެތި ފުރިހަމައަށް ޖަޒާދެވޭ ހުއްޓެވެ. އެކަމުގައި އެބައިމީހުންނަށް ބޭއިންސާފު ނުކުރެވޭ ހުއްޓެވެ. މާތް ﷲއީ އަނިޔާވެރިވެވޮޑިގަންނަވާ އިލާހެއް ނޫނެވެ.

ސަމާލުވެ ރައްކައުތެރިވާންވީ މި ދެންނެވި ހިސާބުކިތާބަށް ހުށަހެޅޭނޭތީއެވެ. ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށް ބިނާކޮށް އާޚިރަތުން ނިޢުމަތް، ނުވަތަ އަޒާބު ލިބޭނޭތީއެވެ. އިޚްތިޔާރު އޮތީ ކޮންމެ ނަފުސަކަށް ދެއްވައިފައެވެ. ޝުކުރުވެރިވެ ކާމިޔާބު ހޯދުމަށެވެ. ނޫނީ އިމްތިޙާނަށް ކުފުރުވެރިވުމަށެވެ. އަލް-އިންސާނު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށް ޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށްޓަކައެވެ."

ކޮންމެ ގޮތަކަށް ނިމިދިޔަޔަސް ކާމިޔާބުވާހުށީ ރަނގަޅު މަގު އިޚްތިޔާރުކުރާ ފުރާނަތަކެވެ. އެއީ ﷲ އަށް ޝިރުކުނުކުރުމެވެ. ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ސުންނަތަކަށް ޢަމަލުކުރުމެވެ. ވެރީންނަށް ކިޔަމަންގަތުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމެވެ. މުސްލިމުން ޞުލްޙަކުރުމެވެ. މާތް ﷲ ދެއްވި މުދަލުން ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރުމެވެ. ދޮށީ މީހުންނަށް އަޅައިލުމެވެ. ކުޑަކުދިންނަށް އޯގާތެރިވުމެވެ. 

އާޚިރަތުގެ ހިސާބުކިތާބުން ނާކާމިޔާބު ވާނީ ހެއްދެވި ފަރާތަށް ނުކިޔަމަންތެރިވާ މީހުންނެވެ. އެ މީހުން ކުޅަ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ. މާތް ﷲގެ ޙައްޤުތަކަށާއި އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. އަބުރު ކަތިލާ ފަޟީޙަތްކުރުމެވެ. މީސްތަކުންނަށް އަނިޔާވެރިވުމެވެ. މިއިން ކޮންމެ ކަމަކުން ޙަޤީޤީ އަނިޔާ ލިބެނީ އެ މީހެއްގެ އަމިއްލަ ނަފުސަށެވެ. ހޭލާށެވެ!

 

(ކޮންމެ ގޮތަކަށް ނިމިދިޔަޔަސް... - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 3، އަދަދު 40، ޞ.1 - 29 ސެޕްޓެމްބަރު 2023)